ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީ އިން ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިން މޭޓުން އިއުލާން ކުރައްވަމުން ގެންދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވެވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ރަނިން މޭޓުކަމަކީ އެމްޑީޕީން އެހެން ޕާޓީތަކާ ކުރާ މަޝްވަރާތަކުގައި ލެވަރެޖޭއް ކަމަށެވެ. އަދި އެ ލެވަރޭޖު ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލުނުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ޕާޓީ އިލެކްޝަންއަށް ނުކުންނައިރު އެހެން ޕާޓީތަކާ ވާހަކަ ދައްކާ، އެއްބަސްވުންތައް ގާއިމުކުރެވޭނެ ގޮތަށް ތިބުން ބޭނުންތެރި ކަމަށްވެސް ނަޝީދު ވަނީ ވިދާލުވެފައެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޕްރައިމަރީގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. މިހާތަނަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝަމްހީދު އާއި މިދިޔަ އެމްޑީޕީ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމް އެވެ.

ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ރަނިން މޭޓަކު އިއުލާނުކުރެއްވި ފައިސަލްގެ ރަނިން މޭޓަކީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ. އާޒިމް ވިދާޅުވީ ފައިސަލްގެ ރަނިން މޭޓެއްގެ ގޮތުގައި ވާދަ ކުރަން ނިންމީ އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީގެ ރައީސްއެއް އަދި ނައިބު ރައީސްއެއް ހުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ފައިސަލް ނަސީމަކީ 2018 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންގ މޭޓަކަށް ވަޑައިގެން ރައީސް ސޯލިހްގެ ވެރިކަމުގައި ރާއްޖޭގެ ނައިބް ރައީސްކަން ކުރެއްވި ގިނަ ބައެއްގެ ތާއީދު ލިބިވައިޑައިގެންނެވި ބޭފުޅެކެވެ.