މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ޕާސްޕޯޓުގެ ހިދުމަތް އެއްވެސް ދަތިކަމަކާއި ނުލާ ލިބޭނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، 27 އޮގަސްޓާއި ހަމައަށް އާއިރުވެސް ޔަގީންކަމާއެކު ޕާސްޕޯޓުތައް ލިބުމުގައި ދަތިތަކެއް އުޅޭނެ ކަން ކަށަވަރުވާތީ، އަތުގައި ހުރި ސްޓޮކް މެނޭޖް ކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ.އަދި އެހިނދުން ފެށިގެންވެސް ރާއްޖެއިން ބޭރަށް ކިޔަވަން ފުރާ ރާއްޖޭގެ ދަރިވަރުންނަށް އަދި ބޭސްފަރުވާއަށް ފުރާ މީހުންނަށް އިސްކަން ދީގެން، ކޮންމެހެން ފުރަން ޖެހިފައިވާ ތާރީހު ގާތްވެފައިވާ މީހުންނަށް އެ ފިޔަވަޅުތަކުގެ ދަށުން ޕާސްޕޯޓު ދޫކޮށްފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޕާސްޕޯޓުގެ ސްޓޮކް މި ހަފްތާބަނދުގައި އަންނާނެ ކަމަށެވެ.

އެއަށް ފަހުގަ އަޅުގަނޑުމެންނަށް ޕާސްޕޯޓް އިޝޫކުރުމުގެ ނޯރމަލް ހާލަތަށް ގެނެވޭނެ މި އާދިއްތަ ދުވަހުން ފެށިގެން. އެހެންނަމަވެސް މިވަގުތަށް ބަލާއިރު، ބެކްލޮގް ގައި އެބަ އުޅޭ 2646 ވަރަކަ ޕާސްޕޯޓް ހެދުމުގެ ރިކުއެސްޓުތައް. މި ބެކްލޮގް އެއްކޮށް ކްލިއަރ ކުރުމަށް ނަގާނެ އަޅުގަނޑުމެންނަށް ފަސް ވަރަކަށް ދުވަސް. އެހެންނަމަވެސް އެސެންޝިއަލް ޓްރެވެލްތައް ފެށޭ ހަފްތާގައި ހުރިހާ ފަރާތްތަކަށް އެއްވެސް ދަތިތަކެއް ނެތި އާދިއްތަ ދުަވހުން ފެށިގެން ދޫކުރަމުންދާނެ"

ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، އަލީ އިހުސާން

ވަޒީރު ވިދާޅުވީ، ދުވާލަކު އެވެރެޖްކޮށް 350 ވަރަކަށް މީހުން ޕާސްޕޯޓު ހައްދަން ރިކުއެސްޓު ކުރާ ކަމަށެވެ.

މި ސަރުކާރު އައުމުގެ ކުރިން ޕާސްޕޯޓޫ ދޫކުރަމުން އައީ 5 ތަނެއްގައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިހާރު 39 ތަނަކުން ޕާސްޕޯޓު ދޫކުރަމުންދާ ކަމަށެވެ. އަދި ދިރިއުޅޭ ރަށާ ވީހާވެސް ކައިރިން މިފަދަ އެސެންޝިއަލް ހިދުމަތްތައް ދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.