މާލީ ކަންކަން ކުރަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ކަމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ބޮޑަށް އެ އޮތޯރިޓީން ހަރަދުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސުން އާންމުކޮށްފައިވާ މައުލޫމާތާ ގުޅުވައި، ބައެއް ނޫސްތަކުގައި ޚަބަރު ޝާއިއުކޮށްފައިވުމާއި، އެ ޚަބަރުތަކުގައި، މި މައްސަލައާ ބެހޭގޮތުން އެ އޮތޯރިޓީން މައުލޫމާތު ހޯދުމަށް މަސައްކަތްކުރިނަމަވެސް، އެ މައުލޫމާތު ފޯރުކޮށްދީފައިނުވާކަމަށް ބަޔާންކޮށްފައިވާތީ އެކަމާ ގުޅުވައިގެން އެ އޮތޯރިޓީން އެ ކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދިނުމަށްޓަކައި، ނޫސް ބަޔާނެއް އާންމުކޮށްފައެވެ.

ނޫސް ބަޔާނުގައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހާ ގުޅިގެން، ކުރިން ހިންގަމުން އައި އަތޮޅު ކައުންސިލް އިދާރާތައް އުވާލައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ގޮފިތަކެއް މޭ 17 ވަނަ ދުވަހުން ފެށިގެން އަތޮޅުތަކުގައި ގާއިމްކޮށްފައިވާކަން ފާހަގަކޮށްފައެވެ.

އެހެންކަމުން އެ ބަދަލާއެކު، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި އެ އޮފީހުން އެކި ފަރާތްތަކަށް އަދާކުރަންޖެހޭ ފައިސާތައް ދެއްކުމާއި، އެ އިދާރާތައް ހިންގުމަށް ބޭނުންވާ އެންމެހައި އިދާރީ ހަރަދުތައް ކުރުމުގެ ޒިންމާ އެ އޮތޯރިޓީއަށް މަތިކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެ އޮތޯރިޓީގެ 2026 ވަނަ އަހަރަށް ދައުލަތުން ފާސްކޮށްދެއްވާފައިވާ ޖުމްލަ ބަޖެޓަކީ 37.3 މިލިއަން ރުފިޔާ ކަމަށާއި، އެ ބަޖެޓުން 06 އޮކްޓޯބަރގެ ނިޔަލަށް 18.5 މިލިއަން ރުފިޔާ އޮތޯރިޓީ ހިންގުމަށާއި ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ހަރަދުކޮށްފައިވާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

އެ އޮތޯރިޓީން ބުނީ މި އަހަރަށް އޮތޯރިޓީއަށް ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައެޅިފައިވަނީ، އަތޮޅު ގޮފިތައް އޮތޯރިޓީއާ ޙަވާލުވުމުގެ ކުރިން، އޮތޯރިޓީގެ ކުރީގެ ހިންގުމުގެ ދާއިރާއަށް ބަލައިގެން ކަމަށެވެ. އެހެންކަމުން، އަތޮޅު ގޮފިތައް ހިންގުމަށް ބޭނުންވާ ފައިސާ، 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާފައިވާ މި އޮތޯރިޓީގެ ބަޖެޓުގައި ހިމެނިފައެއް ނުވާ ކަންވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މި ހާލަތުގައި، އެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބޭނުންވާ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސެސް ގައި އެދުމުން މި އޮތޯރިޓީގެ ބަޖެޓަށް އިތުރުކޮށް ދީފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެހެންކަމުން އަތޮޅު ގޮފިތަކުން ކުރަންޖެހޭ އެންމެހާ ހަރަދުތައް މި އޮތޯރިޓީން ކުރަމުން ގެންދަނީ އިތުރުކޮށް ދީފައިވާ ފައިސާގެ ތެރެއިން ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެގޮތުން 17 މެއި އިން ފެށިގެން އަތޮޅު ގޮފިތައް (ކުރީގެ އަތޮޅު ކައުންސިލްތައް) ހިންގުމަށް 06 އޮކްޓޯބަރގެ ނިޔަލަށް ޖުމްލަ 61.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކޮށްފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައި އޮތޯރިޓީގެ ހަރަދު ބަޖެޓަށްވުރެ އިތުރުވެފައިވާކަމަށް ފެންނަނީ، 2026 ވަނަ އަހަރަށް މިއޮތޯރިޓީއަށް ފާސްކޮށްދެއްވާފައިވާ ބަޖެޓުގެ އިތުރުން އަތޮޅު ގޮފިތަކުގެ ހަރަދުތައް މި އޮތޯރިޓީގެ ހަރަދުތަކުގެ ގޮތުގައި ހިމަނާފައިވާތީކަން އެ އޮތޯރިޓިން ވަނީ ހާމަކޮށްފައެވެ. އަދި އެ ހަރަދުތައް ކޮށްފައިވަނީ، ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ފަބްލިކް އެންޓަރޕްރައިސެސް އިން ކަނޑައަޅުއްވާފައިވާ ނިޒާމުގެ ތެރެއިން އެ މިނިސްޓްރީގެ ހުއްދައާއެކުގައި ކަމަށް އެ އޮތޯރިޓިން ބުނެއެވެ.

މީގެ އިތުރުން، އެ އޮތޯރިޓީގެ ހިންގުމާއި މާލީ ކަންކަން ކުރަމުންދަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އަދި ސަރކިއުލަރ ތަކާއި އެއްގޮތަށްކަމުގެ ޔަގީންކަންވެސް އެ އޮތޯރިޓިން ވަނީ ދީފައެވެ. އަދި އެ އޮތޯރިޓީގެ ކަންކަމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ފަރާތުން އަބަދުވެސް މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަމުން ގެންދާނެކަން ފާހަގަކޮށް، އޮތޯރިޓީއާ ބެހޭ މައުލޫމާތު ޝާއިއުކުރުމުގެ ކުރިން، އެ މައުލޫމާތުގެ ސައްހަކަން އޮތޯރިޓީއާ ގުޅައިގެން ކަށަވަރުކުރުމަށް ހުރިހާ މީޑިއާތަކަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.