ރުޤްޔާގެ ނަމުގައި މަހާނަ ކޮނުމަކީ ހުއްދަކަމެއްނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ޝަރުޢީ ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ކޮށްނަކަމުގެ މައުލޫމާތު ވެސް ބައެއް ފަހަރު ލިބޭ ކަމަށެވެ. އެގޮތުން މިއީ ހުއްދަކަންކަމެއްނޫން ކަމަށާއި ޝަރުޢީ ރުޤްޔާކުރުމުގައި އެފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ ޤުރްއާނާއި ސުންނަތުން ސާބިތުވާކަމެއްނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމްވެގެންވާ ޢަމަލުތަކެއް ކަމަށެވެ. ޝަރުއީ ރުޤްޔާއަކީ ބަލިމީހާއަށް ޝިފާއަށް އެދިގެން ޤުރުއާން ކިޔަވައި އޭނާގެ ގަޔަށް ފުމުން، ނުވަތަ ފެނަށް ކިޔަވައި ފެން ބޯން ދިނުން ނުވަތަ ޝިފާއަށް އެދި އެކަމުގައި ސުންނަތުން ސާބިތުވެފައިވާ ދުޢާތައް ކިއުން ކަމުގައިވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިފަަހަކަށް އައިސް ބައެއް ފަރާތްތަކުން ރުޤުޔާކުރުމުގެ ނަމުގައި ޝަރުޢީ ގޮތުން ހުއްދަ ނޫން ނޭދެވޭ ޢަމަލުތައް ހިންގަމުންދާކަންވަނީ ސަމާލުކަމަށް އައިސްފައި ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ. ޝަހީމް ވަނީ ެެއެކަންކަމާމެދު ރައްކާތެރިވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ޝަހީމް ވަނީ ބަލިތަކަށް ޝިފާ ދެއްވަނީ މާތް ﷲ ކަމަށާއި ދުޢާކުރުމާއި، ބޭސް ބޭނުންކުރުން ފަދަ ސަބަބުތަކުގައި ހިފުމަކީ އިސްލާމްދީން އަންގަވާފައިވާ ގޮތްކަމުގައި ވިދާޅުވެފައެވެ.