އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކަންހާމަކުރެއްވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސީދާ ރައީސްއާ ހިއްސާކުރުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ މި ހަފުތާގެ ޕްރޮގްރާމުގައި އާންމު ރައްޔިތަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ޓެމޫ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރި ކުރުމަަށް ހުރި ދަތިތަކަށް ހައްލެއް ގެނައުމަށް މަސައްކަތް މިހާރު ކުރައްވަމުންދާކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން އެ ޕްރޮގްރާމްގައި ރައީސްއާ ބައްދަލުކުރެއްވި ލޯފަން މީހަކުވެސް ވަނީ ލޯފަން މީހުންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ. މިގޮތުން ބޮޑު ތަކުރުފާނު މަގު މިހާރު ހަދާފައި އޮތް ސަރަޙައްދު ލޯފަން މީހުން ފަދަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަން ފާހަގަކުރައްވާ ދެން ހުރި މަގުތައް ހަދާއިރުވެސް އެކަންކަމަށް ސަމާލުކަން ދިނުމަށް އޭނާ ވަނީ އެދިފައެވެ.
މީގެ އިތުރުންވެސް އޭނާ ވަނީ މިސްކިތްތަކުގެ ސަފުތަކާއި ގިބުލަ ލޯފަން މީހުންނަށް ފަސޭހައިން އެނގޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށް އެކަން ހައްލުކޮށްދިނުމަށާއި އާރްޓީއެލް ބަހުގައި ދަތުރުކުރާއިރު ބަސް މަޑުކުރާ ސަރަޙައްދު ނޭގުން ފަދަ ކަންކަން ހިއްސާކޮށްފައެވެ. ރައީސްގެ ކިބައިން އޭނާ ވަނީ ބަސް ދަތުރުކުރާއިރު އެ ބަސް ހުއްޓަނީ ކޮން ސަރަޙައްދަކަށްކަން އެނގޭނެ ނިޒާމެއް ހަމަޖައްސައިދިނުމަށް އެދިފައެވެ.
ރައީސް ވަނީ އޭނާ ހިއްސާކުރި ކަންބޮޑުވުންތައް ވެސް ހައްލުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.