ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހޮސްޕިޓަލްތަކުގެ ސީއީއޯއިންނާއެކު ކުރިއަށް ގެންދިޔަ ސިލްސިލާ ބައްދަލުވުންތައް މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ޚިދުމަތްތައް ލާމަރުކަޒީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށްޓަކައި އައުޓްރީޗް ޕްރޮގްރާމްތައް އިތުރަށް ފުޅާކުރުން ކަމަށެވެ. މިގޮތުން، ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެ ބައްދަލުވުންތަކުގައި ވަނީ ދީފައި ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މިނިސްޓްރީން ބުނީ ސިލްސިލާ ބައްދަލުވުންތަކުގައި، ހޮސްޕިޓަލްތައް އިދާރީގޮތުން ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި ދަތިތައް ދެނެގަނެވިފައިވާ ކަމަށެވެ. އަދި މި ކަންކަމުގައި ޝާމިލުވާ އެންމެހައި މުއައްސަސާތަކާއި ވަކިވަކިން ބައްދަލުކުރެވި، އެ މައްސަލަތަކަށް ދާއިމީ އަދި ހަރުދަނާ ޙައްލުތަކެއް ގެނެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މީގެއިތުރުން، ޤައުމުގެ ޞިއްޙީ ނިޒާމަކީ ވަށާޖެހޭ އަދި އެކަކު އަނެކަކަށް ބަރޯސާވެވޭފަދަ ހަރުދަނާ ނިޒާމަކަށް ހެދުމަށްޓަކައި، ހުރިހާ މުއައްސަސާތަކެއް ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަން މި ބައްދަލުވުންތަކުގައި ފާހަގަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން، ވަކިވަކި ޚިދުމަތްތަކުގެ ބަދަލުގައި އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމަކީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނެ ކަމެއް ކަމުގައި ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ. އަދި މި ބައްދަލުވުންތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ތަނުގައި އިދާރީ ހިންގުން އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.