މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ހިންގި ތަހުގީގުގައި ޖިނާއީ ކުށެއްގެ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތްކަމަށް ނިންމާ އެ މައްސަލަ ފައިލްކޮށްފިއެވެ.
އެގޮތުން އެ މައްސަލައިގައި ދިވެހި ފުލުހުންގެ ފަރާތުން ބުނީ މަހާޒުގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައިގެ ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާ ދިރާސާކުރިއިރު، އެއްވެސް ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ވެސް މި މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން ވަނީ އަންގާފައެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ވެސް ވަނީ މަހާޒަށް ޖަވާބު ދީފައެވެ. ޕީޖީ އޮފީހުން ބުނެފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ އޮފީހަށް އެ މައްސަލަ ހުށަހެޅުމުން، އެ މައްސަލަ ދިރާސާކުރުމަށްފަހު، ޕްރޮސިކިއުޝަން މަރުހަލާއިން މައްސަލަ ޑިކްލައިންކުރަން ނިންމައި އެ ނިންމުން ހިއްސާކޮށްފައިވާނެ ކަމަށެވެ.
މަހާޒުގެ އިތުރުން، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެއްވި ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތުމުން، އެ މައްސަލަވެސް ވަނީ އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި ފައިލްކޮށްފައެވެ. ޕީޖީ އޮފީހުން މި މައްސަލައިގެ ތަހުގީގު ފައިލް ދިރާސާކުރުމަށްފަހު އަންގާފައި ވަނީ، މި މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވިދާނެ ފަދަ އަމަލެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. މީގެ އިތުރުން އެ ނިންމުމާ ގުޅިގެން، ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގުވެސް ނިންމާލާފައެވެ. ނަމަވެސް، އެ މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ބައިގެ އެއްވެސް ތަފްސީލެއް އެ ކޮމިޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދުގެ މައްޗަށް ތުހުމަތުކޮށް ފެށި މައްސަލައެކެވެ. މި މައްސަލަ ފެށިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ބޭފުޅުން ބައްލަވަމުން ގެންދަވަނިކޮށެވެ. އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިނގަމުންދާކަމަށް ބުނެ އޭސީސީން ޖޭއެސްސީއަށް އެންގި އެންގުމާ ގުޅިގެން ޖޭއެސްސީން ތިން ފަނޑިޔާރުން ސަސްޕެންޑުކުރިއެވެ. އޭގެ ފަހުން ފަނޑިޔާރު ސުއޫދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވި އިރު، ޑރ. އަޒްމިރާލްދާއާއި މަހާޒު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން މަގާމުން ވަކިކޮށްފައެވެ.