ހުޅުމާލޭގައި ހިންގާ ހޮޓާ، ރެސްޓޯރެންޓު، ކެފޭ އަދި ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި ދުވާރުމަތީގައޮ ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ގޮނޑި މޭޒުތައް އަންނަ މަހުގެ 8 ގެ ކުރިން ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުގެ އެންގުމާއި ޚިލާފަށް، ބައެއް ފަރާތްތަކުން ހުޅުމާލޭގެ ދުވާރާއި ހެޖުތެރޭގައި ހުރި ގޮނޑިއާއި މޭޒު ފަދަ ތަކެތި ނަގާފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން، 08 ނޮވެމްބަރ 2026 ގެ ނިޔަލަށް، ގަވާއިދާ ހިލާފަށް ހެޖުތެރެއާއި ދުވާރުމަތީގައި ހުރި ތަކެތި ނަގައި، އެކަންކަން ރަނގަޅު ކުރުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. އަދި، ކާބޯތަކެތި ވިއްކުމުގެ ހުއްދަ ނުނަގައި ހުޅުމާލޭގައި ކެފޭ، ހޮޓާތައް ހިންގާ ފަރާތްތަކުން އެ ހުއްދަތައް ނެގުމަށްވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެ މުއްދަތުގެ ފަހުން ގަވާއިދާ ހިލާފަށް ހުންނަ އެފަދަ ތަންތަނާމެދު، އެޗްޑީސީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި އެ މަސައްކަތުގެ ތެރެއިން ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.