ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށާއި މާލީ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މޫޑީޒްއިން ތަޢުރީފްކޮށް ރާއްޖޭގެ ރޭޓިން މަތިކޮށްފިއެވެ.
އެގޮތުން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިންގ ސީއޭއޭ 2 އިން ސީއޭއޭ 1 އަށް ވަނީ މަތިކޮށްފައެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކުރި ގޮތުގައި، މި ކުރިއެރުމަކީ ކައިރި މުސްތަގުބަލެއްގައި ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުތަނުން ކުޑަވެފައިވާ ކަމަށް މޫޑީޒް އިން ކުރި އަންދާޒާގެ މައްޗަށް ބިނާވެފައިވާ ނިންމުމެކެވެ. މީގެ އިތުރުން، މި ބަދަލުތައް ގެނައުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ނަތީޖާ ރަނގަޅުކަން ވެސް އެ އިދާރާއިން ފާހަގަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ މި ރޭޓިންގ މަތިކޮށްފައި ވަނީ ދައުލަތުން އަދާކުރި ބޮޑެތި ދަރަނިތަކަކަށް ފަހު ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރުގެ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާ ހަލާސްކުރުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ފައިސާ ދެއްކުމުގެ އިތުރުން، މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ވަނީ ދައްކާފައެވެ. މީގެ އިތުރުން 100 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑް އަނބުރާ ދެއްކުމުގެ މުއްދަތު 2031 އަށް އިތުރުކުރުމަކީ ވެސް ދަރަނި ދެއްކުމަށް އޮތް ތާށިކަން ކުޑަވެގެންދިޔަ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާ އިތުރުކުރުމާއެކު، މި ފިޔަވަޅުތަކުގެ ސަބަބުން ކްރެޑިޓް ރޭޓިންގ ރަނގަޅުވުމަށް މަގުފަހިވި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ ބޭރުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ކަމަށެވެ. 2024 ވަނަ އަހަރު ތައާރަފުކޮށް 2026 ގައި ފުޅާކުރި ބޭރު ފައިސާގެ ސިޔާސަތުތަކުގެ ސަބަބުން، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އިތުރަށް ވަރުގަދަވާނެ ކަމަށް ކަމަށް އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. ރާއްޖޭގެ ތަރައްގީގެ ބައިވެރިންގެ ފަރާތުން ވެސް މި މަސައްކަތްތަކަށް އެހީތެރިކަން ލިބިފައިވެއެވެ. މިނިސްޓްރީން ބުނި ގޮތުގައި ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރާއެކު، ޖުމްލަ 130 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ސަރުކާރުން ވަނީ ހޯދާފައެވެ.
ދައުލަތުގެ ދަރަނީގެ ހިސާބުތަކުން ވެސް މި ކުރިއެރުން ފެންނަން އެބައޮތެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 129.2 އިންސައްތައިގައި ހުރި ނަމަވެސް، 2026 ޖުލައި މަހުގެ ނިޔަލަށް އެ ނިސްބަތް ވަނީ 122.6 އިންސައްތައަށް ދަށްވެފައެވެ. މިނިސްޓްރީން ފާހަގަކުރި ގޮތުގައި މިއީ ދަރަނި ދެއްކުމާއި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާއެވެ. މި ކާމިޔާބީތައް ހާސިލްކުރެވިފައިވަނީ އިޤްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައެވެ. މިގޮތުން މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ އަގު އުފުލުން ފަދަ ކަންކަން ހިމެނެއެވެ. މި ހާލަތުގައި ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކޮށްދީ، ދައުލަތުގެ ހަރަދުތައް ބަޖެޓުގެ ތެރޭގައި ހިފެހެއްޓުމަށް ސަރުކާރުން ދަނީ އިސްކަންދެމުން ކަމަށް މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.
ބޮޑެތި ދަރަނިތައް އަދާކުރުމާއި، މާލީ ރައްކާތެރިކަން ވަރުގަދަކުރުމުގެ ސަބަބުން ދަރަނި ނުދެއްކުމުގެ ނުރައްކާ ވަނީ ކުޑަވެފައެވެ. އިގްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ދައުލަތުގެ މާލީ ހާލަތު ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގައި މި ހޯދި ކުރިއެރުން ދެމެހެއްޓުމަކީ ސަރުކާރުގެ އެންމެ މުހިންމު އަމާޒު ކަމުގައި ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.