ގދ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ މާލެއިން ހުވަދު އަތޮޅަށް ދަތުރު ކުރަމުންދާ ބޯޓެއްގައި މީހަކު ގދ. އަތޮޅުގެ އެކި ރަށްރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ/ ދިލްކުޝާގެ އުމުރުން 41 އަހަރުގެ މުޙައްމަދު ނިޝާދު އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 37.99 ގުރާމު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 90 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތި ޓްރެފިކްކުރުން ހުއްޓުވުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ފުލުހުން ދަނީ ކުރަމުންނެވެ.