މިދިޔަ މަހުގެ 20 ވަނަ ދުވަހުގޭ ދަންވަރު މާލޭގެ ސޯސަން މަގުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ނުރައްކާކޮށް ސައިކަލް ދުއްވި ތ. ދިޔަމިގިލި، އައްސޭރި، މާހު ހަސަން އެންމެ ފުރަތަމަ ބަންދުކުރީ 15 ދުވަހަށެެވެ. އެ މުއްދަތު ހަމަވުމުން، އުމުރުން 21 އަހަރުގެ އެ ޒުވާނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައެވެ.
މާހުގެ ފުރަތަމަ ބަންދު އަމުރުން އެނގޭ ގޮތުގައި އެކްސިޑެންޓުވީ ބާރު ސްޕީޑްގައި، ޒިގްޒެގްކޮށް ނުރައްކާތެރިކޮށް ދުއްވަނިކޮށް އެހެން ސައިކަލްގައި ޖެހިގެންނެވެ. އޭނާގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް ވެސް ނޯވ އެވެ. އޭނާގެ ސައިކަލުން ޖެހުނު ސައިކަލްގައި ތިބި ދެ މީހުންގެ ތެރެއިން ފަހަތުގައި އިން އަންހެން މީހާގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އޭނާއަށް ފުރަތަމަ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ސީރިއަސް އަނިޔާތަކެއް ލިބުނު އެ އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް އޭނާގެ ހާލަތު ގޯސްވެ، މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ. ނިޔާވީ ށ. ފޯކައިދޫ، މަގުމަތީގޭ، އާއިޝަތު މާހިދާ އެވެ.
އަލަށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ދުއްވުމުގެ ކުށުގެ އަދަބަކީ އެ ކުށުގެ އަމަލުގެ ކުޑަބޮޑުމިނަށް ބަލައި 25،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެ ގާނޫނުގައިވާ ގޮތުން، އެފަދަ ކުށެއްގެ ނަތީޖާއެއްގެ ގޮތުން މީހަަކަށް އަނިޔާއެއް ވެއްޖެ ނަމަ ކުށްކުރި މީހާ ޖޫރިމަނާކުރާނީ 100،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުންނެވެ. އެފަދަ ކުށެއް ކުރާ މީހަކު އެއްގަމު ދަތުރުފަތުރުގެ ގާނޫނުން ޖޫރިމަނާ ކުރިޔަސް، ގާނޫނުލް އުގޫބާތުގެ ދަށުން އެ މީހައަށް ޖިނާއީ ދައުވާ ވެސް ކުރެވޭނެ އެވެ.
އެ އެކްސިޑެންޓު ހިނގިއިރު މާހުގެ އަތުގައި ލައިސަންސް ވެސް ނެތްއިރު އެ އެކްސިޑެންޓާ ހަމައަށް މި އަހަރު ވެސް ހަތަރު ފަހަރަށް ހިފަހައްޓައި އޭނާ ޖޫރިމަނާކޮށްފައިވެއެވެ.