މޯލްޑިވްސް ޕޯސްޓް ހެޑް އޮފީހުގެ ޕިކްޕޯސްޓް ސްޓޭޝަން އީ-ކޮމާސްގެ ސަބަބުން މެއިލް ލޭންޑްސްކޭޕަށް އަންނަމުންދާ ބަދަލުތަކާގުޅިގެން ބޮޑެތި ޕާރުސަލްތަކަށް ހާއްސަކޮށް ޕޯސްޓް ބިލްޑިންގ ގްރައުންޑް ފްލޯރގައި އަލުން ހުޅުވައިފިއެވެ.
މި ޕިކްޕޯސްޓް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙްމަދުއެވެ.
އޮފީހުން ބުނީ، ޟީޢި ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް ތަރައްގީކޮށް، ފުޅާކުރުމަށް ކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ ދަށުންނާއި، ވަކިން ޙާއްސަކޮށް ޑެލިވަރީ ނިޒާމް ޒަމާނީކޮށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމްކުރެވުނު ޕިކްޕޯސްޓް ސްޓޭޝަނެއް ކަމަށެވެ.
އީކޮމާރސް ސަބަބުން ޕޯސްޓްގެ ނިޒާމުގެ ތެރެއަށް ވަންނަ މޭލް އިތުރުވުމާއި އަދި މޭލްގެ ލޭންޑްސްކޭޕްއަށް އައިސްފައިވާ ބަދަލުތަކާއެކު، ބޮޑެތި ޕާރސަލްތައްވެސް ޕިކްޕޯސްޓްގ ޑެލިވަރީ ނިޒާމުގެ ތެރެއިން ލިބުމަށް ހިދުމަތުގެ އަހުލުވެރިން ކުރަމުން ދިޔަ އުންމީދުތަކަށް ރިޢާޔަތްކޮށް ޕޯސްޓުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް ޕޯސްޓު އޮފީހުން ވަނީ ބުނެފައެވެ.
ޕޯސްޓު އޮފީހުން ބުނީ، މިގެނެވުނު ބަދަލާއެކު، ބޮޑެތި ޕާރުސަލްތައް ލިބުމުގައި ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށާއި، އަދި ހިދުމަތް ހޯދުމަށް ކުރަންޖެހޭ ތަޖުރިބާގެ ފެންވަރު މަތި ވެގެންދާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މީގެ އިތުރުން ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ އަމާޒަކީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ފަރުމާކޮށް ފޯރުކޮށްދިނުމާއި، ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ފަހި މާހައުލެއް ގާއިމްކޮށް ލީޑިން ޓްރޭޑް ފެސިލިޓޭޓަރެއްގެ ގޮތުން މޯލްޑިވްސް ޕޯސްޓުން އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުން ކަމަށް ޕޯސްޓް އޮފީހުން ވަނީ ބުނެފައެވެ.