"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑް"ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށް، މެނޭޖިން ޑިރެކްޓަރަކަށް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް އައްޔަންކޮށްފިއެވެ.

މި ބޭފުޅުން މަގާމުތަކަށް އައްޔަނުކުރައްވާފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.

އެ ކުންފުނީގެ ޗެއަރޕާސަންގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ޢިއްޒުއްދީން އަދްނާން އެވެ. އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސަވާފައިވަނީ ޔާމީން އިދްރީސް އެވެ.

މީގެއިތުރުން، މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު ފަސް މެމްބަރަކު ވަނީ އައްޔަނުކުރައްވާފައެވެ.

އެ ބޭފުޅުންނަކީ، ޑރ. މުޙައްމަދު ޝުޖާޢު، ހުސައިން ޝާމް އާދަމް، މަރްޔަމް ނިހާޔަތުޢަބްދުﷲ ގެ އިތުރުން ޢަލީ މުޙައްމަދު ޙިލްމީ އެވެ.

މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށް ޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތް ބިނާ ކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ގާއިމުކޮށް ތަރައްގާކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށްޓަކައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ އިސްލާމީ އިޤްތިޞާދީ ނިޒާމު ހަރުދަނާކޮށް، ވަޤުފްގެ ނަފާ ރައްޔިތުންނަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.