ނ. ކެނދިކޮޅުދޫގައި އަލަށް ޢިމާރާތްކުރެވޭ ހޮސްޕިޓަލް ނިމި، އަންނަ އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށުމަށް ދަނީ ތައްޔާރުވަމުން އަންނަ ކަމަށް ސިއްހަތާއި އާއިލާއާއި އިޖްތިމާއީ އެހީއާއި ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ނ. ވެލިދޫ ސިއްހީ މަރުކަޒައް 25 އަހަރު ފުރުން ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެއެވެ.
މި ރަސްމިއްޔާތުގައި ނ. އަތޮޅުގެ ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދާކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، އެތެރެހަށީގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރުގެ ހިދުމަތާއި، އާންމުންނަށް ނުހަނު ބޭނުންތެރި ޑަޔަލިސިސްގެ ހިދުމަތުގެ އިތުރުން އެކްސްރޭގެ ހިދުމަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ތަޢާރަފުކުރެވިފައިކަމަށެ.
މީގެއިތުރުން، ބިދޭސީންގެ ވޯކްޕާމިޓް މެޑިކަލް ހެދުމުގެ އިންތިޒާމާއި، ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމަށްޓަކައި ވެލިދޫގައި ސްޓޭޝަންކޮށްފައިވާ ސީ-އެމްބިއުލާންސްގެ ހިދުމަތްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން މަރުކަޒުގެ މުވައްޒަފުންގެ އަދަދުވެސް އިތުރު ކުރެވިފައިވާ ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މުޅި އަތޮޅުގެ ޞިއްޙީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ނ. އަތޮޅު ހޮސްޕިޓަލުގައި އައި.ސީ.ޔޫ، ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ހިދުމަތް އަދި ފިޒިއޮތެރަޕީގެ ހިދުމަތް ވަނީ އަލަށް ފަށައިފައި ކަމަށެވެ. އަދި ޑައިލިސިސްއާއި ދަތުގެ ފަރުވާގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ނ. ހޮޅުދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ހިދުމަތާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި އެތެރެހަށީގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތްވެސް މިހާރު ވަނީ ލިބެން ފަށައިފައެވެ.
މީގެއިތުރުން، ނ. ކެނދިކޮޅުދޫގައި އަލަށް އިމާރާތްކުރެވޭ ހޮސްޕިޓަލް ނިމި، އަންނަ އަހަރުގެ ތެރޭގައި ހިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަތޮޅުގެ ރަށްތަކުގެ ތެރެއިން ލެބޯޓްރީގެ ހިދުމަތް ނެތް 8 ރަށުގެ ތެރެއިން 3 ރަށެއްގައި މިހާރު އެ ހިދުމަތް ގާއިމުކުރެވިފައިވާއިރު، ބާކީ 5 ރަށުގައި ލެބޯޓްރީ ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއީ މުޅި ނ. އަތޮޅުގެ ސަރަޙައްދުގެ ރައްޔިތުންނަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ތަސައްލީއަކާއި ފަސޭހައެއްކަން ފާހަގަ ކުރައްވައި ވަޒީރު ވަނީ، ނ. އަތޮޅުގެ ސިއްހީ ދާއިރާއަށް ގެނެސްދެއްވި މި އަގުހުރި، އިންގިލާބީ ތަރައްގީއަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
ވަޒީރު ވިދާޅުވީ މިވަގުތު ވެލިދޫގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއަކީ 30 އެނދުގެ ޖާގައިގެ ޒަމާނީ އައު ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން މި ދައުރު ނިމުމުގެ ކުރިން އައު ހޮސްޕިޓަލް ހުޅުވި، މިހާރަށްވުރެ މާ ފުޅާ ދާއިރާއެއްގައި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ރައްޔިތުންނަށް ލިބެން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ސިއްހީ ހިދުމަތްތައް ތަރައްގީކުރުމާއެކު، ކޮންމެ މީހަކުވެސް އަމިއްލަ ސިއްހަތަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްކަމަށެވެ.
އެގޮތުން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ ގޮތުން ދުޅަހެޔޮ ކާނާ ކެއުމާއި، ކަސްރަތު ކުރުމާއި، ސާފުތާހިރުކަމަށް އިސްކަންދިނުމަކީ އާންމު ސިއްހަތު ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ވަރަށް މުހިންމު ބަދަލުތަކެއްކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.