މާލޭގެ މަގުމަތީގައި ގިނަވެފައިވާ ބުޅާތަކުގެ މައްސަލައަށް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ހައްލެއް ނުގެނެވިއްޖެ ނަމަ، ބުޅާތައް ބަލަހައްޓަން ހަދާފައިވާ އޮޅުހިޔާ ފެސިލިޓީ އަނބުރާ މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ސަރުކާރުގައި އެދުމަށް އެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލުގެ އާންމު ޖަލްސާގައި މި ނިންމުން ނިންމާފައި ވަނީ، މާލޭގެ މަގުތަކުގައި ބުޅާ ގިނަވުމުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވަމުންދާތީއާއި އެ ސިޓީގެ ސާފުތާހިރު ކަމަށް އަސަރުކުރަމުންދާތީ ކައުންސިލަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހުގައެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލަރުން ވަނީ، އޮޅުހިޔާގައި ބުޅާތައް ކޮންޓްރޯލްކޮށް ފަރުވާ ދެވޭނެ ވަސީލަތްތައް ހުރި ނަމަވެސް، އެކަން އެންމެ އެދެވޭ ގޮތުގައި ނުހިނގާ ކަން ހާމަކޮށްފައެވެ. އަދި އެ ފެސިލިޓީގައި ސާފުތާހިރުކަން ކުޑަވެ، ބަލި ބުޅާތަކާއި ދުޅަހެޔޮ ބުޅާތައް އެކުގައި ބެލެހެއްޓުމުގެ ސަބަބުން އިންފެކްޝަންތައް ފެތުރި ގިނަ އަދަދެއްގެ ބުޅާ މަރުވަމުންދާކަން ކައުންސިލަރުން ވަނީ ފާހަގަކޮށްފައެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ މިދިޔަ ދައުރުގައި އޮޅުހިޔާ ތަރައްގީކުރީ ވަރަށް ފުރިހަމައަށް ކަމަށެވެ. އެގޮތުން މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް އެއްކޮށް ގެންގޮސް ބެލެހެއްޓޭނެ ޖާގައާއި ގާބިލުކަން އެ ފެސިލިޓީގައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ބުޅަލުގެ ނަޖިސް މާލޭގެ މަގުތަކާއި އެތަން މިތާގައި އޮންނަކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ބުޅާ ފެޝިލިޓީ ސަރުކާރަށް ނެބެލެހެއްޓޭނަމަ އެތަން ހަވާލުކުރުމަށް އެދި ދެ ސިޓީ މިހާރު ފޮނުވާފައިވާ ކަމަށެވެ. މީގެ އިތުރުން އާޒިމް ވަނީ ބުޅަލުގެ މައްސަލަ ހައްލުކުރުމަަށް ހަދާފައިވާ ފެޝިލިޓީ ސިޓީ ކައުންސިލްގެ އަތުން ގަދަބާރުން އަތުލައިގެން އުޅޭ ކަމަށް ވިދާޅުވެފައެވެ.
އާޒިމް ވަނީ މާލޭގެ ރައްޔިތުން ބުޅާ ނަޖިހުގެ ތެރޭގައި ނުގެން ގުޅެވޭނެ ކަމަށް ވިދާޅުވެ، މާލެ ސިޓީގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރަށް އެކަން ނުކުރެވޭ ނަމަ، ކައުންސިލާ ހަވާލުކުރުމުން އެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.