"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮތް ޔޫތު އެމްޕަވަރމަންޓް ސްޕޯޓްސް އެންޑް ފިޓްނަސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަބްދުﷲ ރާފިއުއެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީންއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި އެމްއޯޔޫގެ ދަށުން ދެ މިނިސްޓްރީ ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމުރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި އެމްއޯޔޫގެ ތެރެއިން މިނިސްޓްރީ އޮފް ޓޫރިޒަމް އިން ދެވޭނެ ސަޕޯޓަކީ ރިސޯޓްތަކާއި އޮންނަ ގުޅުން ރަނގަޅުކޮށްދިނުމާއި، ރިސޯޓްތަށް މި ޕްރޮގްރާމް އަށް އޮންބޯޑްކޮށް، ރިސޯޓްތަކުގެ ބައިވެރިވުން ރަނގަޅުކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު ރިސޯޓްތަކާއިމެދު އޮންނަ މައްސަލަތައް ހައްލުކޮށްދޭން ފަސޭހަވެ، ސަޕޯޓް ރޯލްއެއް ގޮތުގައި މަސައްކަތް ކޮށްދިނުންވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުންވެސް މި އަހަރު ނިމުމުގެ ކުރިން ސެޓްފިކެޓް ލެވެލް 4 ގެ ކޯސްތައް ފެށުމަށް 2 މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.