ތަކުރާރުކޮށް މީހަކަށް ފުރައްސާރަކުރި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން، މީހަކަށް ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދު ހެނދުނު 06:00 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ފުރައްސާރަ ކުރުމުގެ މައްސަލައެއް ފެންމަތިވެ ފުލުހުން އެކަން ތަހުގީގު ކުރަމުން އަންނަކަން ހާމަކޮށްފައި ވާއިރު ސޯޝަލް މީޑިއާގައި މިއަދު ދައުރުވި ވީޑިއޯއެއްގައި ޖޮގިން އަށް ނިކުމެ އުޅުނު އަންހެން ކުއްޖަކަށް ބިދޭސީއަކު ތަކުރާރުކޮށް ފުރައްސާރަކުރާ ކަމަށް ބުނެ އޭނާގެ ވީޑިއޯ ވަނީ އާންމުކޮށްފައެވެ. އަދި އެ ވީޑިއޯ އިން އެ އަންހެންކުއްޖާ އެ މައްސަލަ ފުލުހަށް ރިޕޯޓުކުރަން ގޮސް ހުރި މަންޒަރުވެސް ފެނެއެވެ.