ބެންކޮކުގައި ކެޕިޓަލް މެޓްރޯޕޮލިޓަން ޕޮލިސް ޑިވިޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ބޭރަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ޕާރުސަލްތަކުގެ ތެރޭގައި ފޮރުވާފައިވާ 2.37 ކިލޯގެ ކްރިސްޓަލް މެޓަމްފެޓަމިން އާއި 10 ކިލޯގެ ކެނަބިސް އަތުލައިގެންފައިވާ ކަަމަށް ތައިލެންޑް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުންނަކީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުހައްމަދު ވިސާމް އެވެ.
ތައިލެންޑް ފުލުހުން ބުނެފައިވަނީ ކްރިސްޓަލް މެތު ފޮރުވާފައި ހުރީ ސްޓެއިންލެސް ސްޓީލް އިންސިއުލޭޓެޑް 8 ތަށި ތެރޭގައި ކަމަށާއި އޭގެ ތެރެއިން ކޮންމެ ތަށިއެއްގައި 200-300 ގްރާމްގެ ކެނެބިސް ހުރި ކަމަށެވެ. އަދި އެ ކެނަބިސް ހުރީ ކުޑަކުދިންގެ އަންނައުނުގައި ބަންދުކޮށް، ކުޅޭ ތަކެއްޗާއި އެނޫންވެސް ކުޑަކުދިންގެ ތަކެތި ތެރޭގައި ޕެކް ކޮށްފައިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ފަޔާ ތައި ޕޮލިސް ސްޓޭޝަނަށް ގެންގޮސް އެ މީހުންގެ މައްޗަށް ވަނީ ހުއްދަ ނެތި މެތަމްފެޓަމީން ފަދަ ކެޓަގަރީ 1 މަސްތުވާތަކެތި ގެންގުޅުމުގެ ދައުވާ އުފުލާފަ އެވެ.