ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ދެކޮޅު ހަދާފައި ނުވާކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް، މުންދު ވިދާޅުވެއްޖެއެވެ.
މުންދު އާންމުކޮށްފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވީ، "އަދަދު" ނޫހުގައި 6 އޮކްޓޫބަރު ގައި "ރައީސް މުއިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި"، މިސުރުހީގައި ޝާއިއުކޮށްފައިވާ ހަބަރުގައި އެވާ މައުލޫމާތަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ކަމަށެވެ.
މުންދު ވިދާޅުވީ، ރައީސް މުއިއްޒުގެ 'އެސެޓް ޑެކްލެރޭޝަން' އަކީ ރައީސްގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި، ބަލަން ބޭނުންވާ ކޮންމެ މީހަކަށްވެސް ޕީ.ޑީ.އެފް އެއްގެ ގޮތުގައި ފަސޭހައިން ޑައުންލޯޑްކޮށްލެވޭ ގޮތަށް މިހާރުވެސް ހިމެނިފައިވާ މައުލޫމާތެއް ކަމަށެވެ. އަދި، މިފަދައިން މިމައުލޫމާތު ވެބްސައިޓުގައި ފެންނަން ހުންނާނެކަންވެސް މީގެ ކުރިން ރައީސްގެ އޮފީހުގެ ހަބަރެއްގެ ގޮތުގައި މީޑިއާ މެދުވެރިކޮށް އާންމުކޮށް އިއުލާން ކޮށްފައިވާނެ ކަމަށް މުންދު ވިދާޅުވިއެވެ.
މީގެ އިތުރުން މުންދު ވަނީ، ރައީސްއާ ގުޅޭ ގޮތުން އަދި ސަރުކާރާ ގުޅުވައިގެން މެދުނުކެނޑި، ބޮޑެތި ދޮގުތައް "އަދަދު" ނޫހުން ފަތުރަމުންދަނީ ސިޔާސީ މަގުސަދެއްގައި ކަމަށްވާއިރު، މިފަދަ ދޮގު މައުލޫމާތު ފާހަގަކޮށް، ކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމުގައި ރައީސް އޮފީހުން ފަސްނުޖެހޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.