ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލާފައި ހުއްޓާ، ޕެރޯލްގެ ދަށުން ބަންދުން ދޫކޮށްލި އަބްދުﷲ އިބްރާހީމް (އަބުޗާ) މިނިވަންކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީގައި ކުޑޫ ވަނީ، 19 މޭ 2025 ގައި ދިވެހިރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި 25 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިވާ ފަރާތެއް، 1 އޮކްޓޫބަރު 2026 ގައި ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ޕެރޯލް ބޯޑުން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް މި މައްސަލަ ތަޙުޤީޤުކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައެވެ.

ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ޕެރޯލް ބޯޑުން އެ ފަރާތް ދޫކޮށްލުމުގައި ބަލަންޖެހޭ ކަންކަން ފުރިހަމައަށް ބަލާފައި ނުވާތީ، ބޯޑުގެ ނިންމުން ބަދަލުކޮށް އެ ފަރާތް އަލުން ހައްޔަރުކޮށްފައިވާ ކަމަށް، 06 އޮކްޓޫބަރު 2026 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ވިދާޅުވެފައިވާ ކަން ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޕެރޯލް ދިނުމަށް ނިންމި ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން މަޤާމުން ވަކިކޮށްފައިވާ ކަން ވެސް ކުޑޫ ފާހަގަކުރެއްވިއެވެ.

ކުޑޫ ވިދާޅުވީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 131 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ސާބިތުވެފައިވާ މަސްތުވާތަކެއްޗާ ގުޅޭ ކުށެއްގައި ޙުކުމްކޮށްފައިވާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބޭނީ، އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ޙުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޛުކޮށް ނިމުމުން ކަމަށެވެ. ނަމަވެސް، އެ ފަރާތް ޕެރޯލްގެ ދަށުން ދޫކޮށްލިއިރު، އޭނާގެ މައްޗަށް ކޮށްފައިވާ ޙުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޛުކޮށްފައި ނުވާ ކަމަށް ކުޑޫ ވިދާޅުވިއެވެ.

މީގެ އިތުރުން، ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ޕެރޯލްގެ ފުރުސަތު ދިނުމުގައި އެ މީހެއްގެ ކުށުގެ ރެކޯޑަށް ބަލަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެފަރާތުގެ ކުށުގެ ރެކޯޑަށް އެކަށީގެންވާ ގޮތެއްގައި ބަލާފައިވާކަން ކަށަވަރު ނުވާކަމަށް ވެސް ކުޑޫ ވިދާޅުވެފައިވެއެވެ.

ކުޑޫ އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް، މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން ތަޙުޤީޤުކުރުމަކީ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މިފަދަ މައްސަލައެއް ތަކުރާރުވުން ހުއްޓުވުމަށްޓަކައި ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން، ޕެރޯލް ދިނުމުގައި ޢަމަލުކޮށްފައިވާ އިޖުރާއަތްތަކާއި އެކަމާ ގުޅޭ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ތަޙުޤީޤުކޮށްދެއްވުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.