ދައުލަތުގެ ޖުމްލަ ހަރަދު 35.456 ބިލިއަން ރުފިޔާއަަށް އަރާ، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 30.008 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 18.2 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާ 18.5 އިންސައްތަ އިތުރުވެ 30.653 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އެގޮތުން މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 14.1 އިންސައްތަ އިތުރުވެ، 5.555 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ހިންގުމުގެ އެހެނިހެން ހަރަދުތައް ވެސް މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވެފައިވާ ކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން އިދާރީ އަދި ހިންގުމުގެ ހަރަދުތައް 23.8 އިންސައްތަ އިތުރުވެ 18.539 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީ އާއި ސަބްސިޑީއަށް ކުރި ހަރަދު ވަނީ 44.3 އިންސައްތަ އިތުރުވެ 10.169 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރި ހަރަދު 75.1 އިންސައްތަ އިތުރުވެ 4.203 ބިލިއަން ރުފިޔާއަށް އަދި އާސަންދައަށް ކުރި ހަރަދު 25.1 އިންސައްތަ އިތުރުވެ 1.864 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ނުވަތަ ކެޕިޓަލް އެކްސްޕެންޑިޗާ ވަނީ 15.9 އިންސައްތަ އިތުރުވެ، 4.804 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށެވެ. އެގޮތުން ބިމާއި އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު 34.1 އިންސައްތަ އިތުރުވެ 1.453 ބިލިއަން ރުފިޔާއަށް، ފާލަމާއި ބަނދަރު ހެދުމަށް ކުރި ހަރަދު 38.4 އިންސައްތަ އިތުރުވެ 0.333 ބިލިއަން ރުފިޔާއަށް، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ހަރަދު 37.5 އިންސައްތަ އިތުރުވެ 0.945 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ އިތުރުން ކެޕިޓަލް އިކުއިޕްމަންޓަށް ކުރި ހަރަދު ވެސް ވަނީ 19.6 އިންސައްތަ އިތުރުވެފައެވެ.