ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 5.8 އިންސައްތަ އިތުރުވުން ކަމަށް މާލީ ވުޒާރާއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން ނެރެފައިވާ ރިޕޯޓުން ދައްކާ ގޮތުން 01 އޮކްޓޫބަރ 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ 30.879 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.342 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 އިންސައްތައިގެ އިތުރުވުމެއްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެގޮތުން ޓެކްސް އާމްދަނީ 22.528 ބިލިއަން ރުފިޔާއިން 23.835 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މާލީ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ހަފުތާގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިންނެވެ. އެގޮތުން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 8.062 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 8.172 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 އިންސައްތައިގެ ދަށްވުމެކެވެ. އަހަރުން އަހަރަށް ބަލާއިރު ކުޑަ ދަށްވުމެއް އައި ނަމަވެސް، ހަފުތާގެ ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޓީ.ޖީ.އެސް.ޓީ އިންނެވެ.
މީގެ އިތުރުން، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.2 އިންސައްތަ އިތުރުވެ، 1.529 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.412 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުން ވެސް ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.2 އިންސައްތަ އިތުރުވެ 5.782 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިމްޕޯޓް ޑިއުޓީ ވަނީ 11.4 އިންސައްތަ އިތުރުވެ 2.513 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) 2.8 އިންސައްތަ އިތުރުވެ 4.132 ބިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ 8.1 އިންސައްތަ އިތުރުވެ 1.552 ބިލިއަން ރުފިޔާއަށް އަދި މުދަލުން ލިބޭ އާމްދަނީ 13.5 އިންސައްތަ އިތުރުވެ 1.948 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި ދައުލަތަށް ލިބުނު ހިލޭ އެހީ ވަނީ 84.7 އިންސައްތަ އިތުރުވެ، 0.513 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.