ކުށްކޮށްގެން ހޯދާ މުދަލާގުޅޭ ބިލުގެ ނަމުގައި ކުރީ ސަރުކާރުން ގެނައީ ދެ ފޮޅުވަތް ކަމަށާއި، އޭގެ ދަށުން ހަމައެކަނި ދައުލަތުގެ ވަޒީފާގެ މީހެއްގެ މުދާ ނެގެނީ އާންމު ފަރުދުންގެ ތެރޭގައި ހިނގާ މުއާމަލާތްތަކާއި އެއްވެސް ވަރަކަށް ހިސާބު ޖަހާލެވޭ ގޮތަކަށް ނޫން ކަމަށް، ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ތޯރިގް ވިދާޅުވީ، އެމްޑީޕީގެ ފަރާތުން މައިނޯރިޓީ ލީޑަރު ނޫމަޑީގެ ވާހަކަ ދެއްކެވިއިރު، ނޫމަޑި ފައިބައިގެން ދިޔައީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކަމަށެވެ. އަދި ނޫމަޑިއަކީ ހއ. އަތޮޅުގެ ބައެއް ރަށްރަށުގައި ރޯ ހައުސްތަކެއް އެޅުމަށްޓަކައި އުފެއްދި ކުންފުންޏެއް ކަމަށް ތޯރިގް ވިދާޅުވިއެވެ.

އެއީ އެއްވެސް އެސެޓެއް ނެތް ހަމައެކަނި ޕޭޕަރު ކުންފުންޏެއް ރާއްޖެ ގެނެސް އެ ކުންފުނި ބޮޑުކޮށް އެ ކުންފުނި ކުންފުންޏެއް ގޮތުގައި ހެދީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ތެރޭގައި. އޭގެ ފަހުން އައި ދުވަސް ތަކުގައި އޭގެ ބަދަލުގެ ގޮތުގައި ދީފަ ހުރި ހާއްސަކޮށް ފަޅުތަކެއް. ލާ ޖައްސާފަ ކުރީ ޒަމާނުގެ ގޮތަށް ލާ ޖައްސާފަ. ތިމަންނަ މެންނަށް ވެރިކަމަކު ނެތޭ ލޯނެއް ލިބޭކަށް އެހެންވީމަ ކަލޭމެން މިހިރަތާގައި ރަށް ރަށުގައި ގެއަޅާ ދޭށޭ ތިމަންނަ މެން ދޭނަމޭ ހައެއްކަ ފަޅު.

މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގް

އެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި އެ ޕްރޮޖެކްޓް ނުހިންގާ ފަޅުތަކެއް ދީފައި އެފަޅުތައް ވިއްކާލަން އުޅެން ފެށުމުން އޭގެން ބައެއް ފަޅުތައް ނޫމަޑީގެ އަތުން ނެގީ ކަމަށް ތޯރިގް ވިދާޅުވިއެވެ. އަދި އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަންއަށް ދިޔަކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ، އާބިޓްރޭޝަންއިން މައްސަލައިގެ ހުކުމް ކުރުމުގެ ކުރިން އޭރުގެ އެމްޑީޕީ ވެރިކަމުގެ ތެރޭގައި ދިވެހި ދައުލަތުން ބޮޑު އަދަދެއް ދޭންޖެހުނު ކަމަށެވެ. އެހެންކަމުން ނޫމަޑިއަކީ އެމްޑީޕީއާއެކު އެއްކޮށް އޮޅުންބޮޅުންވެފައިވާ މައްސަލައެއް ކަމަށާއި، އެއީ އެމްޑީޕީއަށް ސަލާމަތްވެވޭނެ މައްސަލައެއް ނޫން ކަމަށް ތޯރިގް ވިދާޅުވިއެވެ.

ދެން އަޅުގަނޑުމެން ބަލާލަންޖެހެނީ މިފަދަ މައްސަލަތައް ދިމާވަނީ ކިހިނެތްތޯ. މިހާރު އަޅުގަނޑުމެންނަށް ވަރަށް ބާރު ކޮށް އަޑު އިވިގެންދޭ ހާއްސަކޮށް އީގަލްހިލްސް ކިޔާ ބަޔަކު ރަސްމާލޭގައި ޕްރޮޖެކްޓް ހިންގަން އުޅޭތި އެކަމާއި ބެހޭ ގޮތުން. ކުރީގައި ރައީސް ކަން ކުރެއްވި ހުރިހާ ބޭފުޅުން. ރައީސް ނަޝީދު މިއަށް ބައެއް ފަހަރު ތާއިދު ކުރޭ އެއީ އެބޭފުޅާއަކީ މިޒާތުގެ ކަންކަން ވެސް ހިންގަވާފައި ހުރި ބޭފުޅަކަށް ވާތީވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގް

ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވިދާޅުވީ، ދުނިޔޭގައި އެންމެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ވެސް މި ޤާނޫނަކީ ފާސްކޮށް ތަންފީޒު ކުރަމުންދާ ޤާނޫނެއް ކަމަށެވެ. އަދި މިފަދަ ޤާނޫނުތައް ގެންނަނީ އެކިއެކި ކުށްތައް ކޮށްގެން ޤާނޫނާ ހިލާފަށް މުއްސަދިކަން ހޯދާ ފަރާތްތައް ހުއްޓުވާ، މުޖުތަމައުގައި ދިމާވާ އެކިއެކި މައްސަލަތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށް އައިފާން ވިދާޅުވިއެވެ.

ދެން ވަރަށް ބޮޑަށް މި ބިލް މަޖިލީހަށް ހުށަހެޅީމައި މިއަކީ ސިޔާސީ ބަޔަކަށް އަމާޒުކޮށް ހުށަހެޅިގެން އުޅޭ ބިލެއް ގޮތައްވެސް އެއްބައި އިއްޒަތްތެރި މެންބަރުން ދަނީ ވާހަކަ ދައްކަވަމުން. ހާއްސަކޮށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވާހަކަތައް ދައްކަމުން ދަނީ ވަރަށް ބޮޑަށް މިއީ އެބޭފުޅުންނަށް އަމާޒުކޮށްގެން އަންނަ ބިލެއް ގޮތަށް. ދެން އަޅުގަނޑަކަށް ނޭނގެ އެބޭފުޅުނަށް މި ބިލް މަޖިލީހަށް ހުށަހެޅުމާއި އެކީގައި އެހެން އިހްސާސް ކުރެވެނީ ކީއްވެގެން ކަމެއް.

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފަން

މީގެއިތުރިން އެ ބިލުގައި އޮތީ އެމްޑީޕީ މީހުން ހިފާ ހައްޔަރު ކުރާ ވާހަކައެއް ނޫން ކަމަށާއި، މި ސަރުކާރާއި ދެކޮޅު ހަދާ މީހުންގެ މުދާ ނަގާ ވާހަކައެއް ވެސް އެ ބިލަކު ނެތްކަމަށް އައިފާން ވިދާޅުވިއެވެ. އޭގެ ބަދަލުގައި، އެ ބިލުގައި އޮތީ ޤާނޫނާ ހިލާފަށް ކުށްކޮށްގެން ހޯދާ މުދާ ނުވަތަ ނުހައްގުން މުއްސަދިކަން ހޯދާ މުދާ އަނބުރާ ދައުލަތަށް ނަގާ ވާހަކަ ކަމަށް އައިފާން ވަނީ ވިދާޅުވެފައެވެ.