ޕެރޯލް ނިޒާމު ހަރުދަނާކުރުމަށްޓަކައި ޕެރޯލް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިހުސާން ވަނީ، ޕެރޯލް ގާނޫނަކީ 2013 ވަނަ އަހަރު ގާއިމުކޮށްފައިވާ ގާނޫނަކަށް ވެފައި، އޭގެ ފަހުން މަސްތުވާތަކެތީގެ ގާނޫނަށާއި، ބައިވަރު އެހެން ގާނޫނު ތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން، އޭގެ ބައެއް ކަންކަން ސާފުކޮށް ރިފްލެކްޓު ކުރުމަށް ޕެރޯލް ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެހެންވީމަ އެ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރަމުން ގެންދާނަން. ހަމައެއާއކުގައި މިހާރުން ފެށިގެން މި މުއްދަތު ބެލުމާއި މިކަންކަމުގަ އަޅުގަނޑުމެން ރިއާޔަތް ކުރާނެ ގޮތްވެސް ވާނީ މިއަދު ކަރެކްޝަނަލް ސާވިސް އަށާއި، ޕެރޯލް ބޯޑަށްވެސް އަންގާފަ"

ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، އަލީ އިހުސާން

ޕެރޯލް އަކީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން ޝަރުތު ހަމަވާ މީހުން، އެ މީހުންގެ ހުކުމުގެ ބާކީބައި މުޖުތަމައުގައި ހުރެގެން ވަކި ހާއްސަ ޝަރުތުތަކަކާއެކު ތަންފީޒު ކުރުމަށް ދެވޭ ފުރުސަތެކެވެ.

މި ފަހުން ޕެރޯލް ބޯޑުން ވަނީ، ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި އަބްދުﷲ އިބްރާހީމް (އަބުޗާ) އުމުރަށް ޖަލަށްލާފައި ހުއްޓާ، ބަންދުން ދޫކޮށް މިނިވަން ކޮށްފައެވެ. އެ މައްސަލާގައި ޕެރޯލް ބޯޑުގެ 6 މެންބަރުން މަގާމުން ވަކިކޮށް، އޭނާ އަނބުރާ ޖަލަށްލުމަށް ވަނީ ނިންމާފައެވެ.