ކުށް ކޮށްގެން ހޯދާ ފައިސާއާ ގުޅޭ ބިލަކީ 'ބްލެކްމެއިލް ބިލެއް' ކަމަށް ގަލޮޅު ދެކުނު ދާއިރަގެ މެމްބަރު، މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ކުށް ކޮށްގެން ހޯދާ ފައިސާއާ ގުޅޭ ބިލަށް ބަހުސް ކުރައްވަމުން މީކައީލް ވިދާޅުވީ، ބިލު ހުށަހަޅާއިރު ބިލުގައި އޮންނަ އެއްޗަކާއި އެއްވަރަށް ބިލު ހުށަހަޅާ ވަގުތުވެސް މުހިންމު ކަމަށެވެ. އަދި މި ބިލު ހުށަހަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރަކަށް ހުންނެވި ބޭފުޅަކު، އިސްތިއުފާދެއްވައި، ރާއްޖޭގައި ދުވަހަކުވެސް އެބޭފުޅުން ދެން އިންވެސްޓު ނުކުރާނެ ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި ކަން މީކާއީލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ތިބި ބޮޑެތި ވިޔަފާރިވެރިން އެއް މޭޒަކަށް އެއްކޮށް، އެ ބޭފުޅުން މަނީ ލޯންޑަރ ކުރާ ކަމަށް ރާއްޖޭގެ އެންމެ މަތީ ވެރިޔާ، ތުހުމަތު ކުރައްވާފައިވާ ކަމަށްވެސް މީކައީލް ވިދާޅުވިއެވެ.
މީކާއިލް އިތުރަށް ވިދާޅުވީ މި ބިލަކީ 'ބްލެކްމެއިލްގެ ބިލެއް' ކަމަށެވެ.
މިކާއީލް ވިދާޅުވީ، އެޑްވައިޒަރުން ރާއްޖެއަށް އިންވެސްޓު ނުކުރާނަމޭ ބުނެ އިސްތިއުފާ ދިނުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ. އަދި މިއީ އެކަމާ ގުޅިގެން، ދިވެހި ވިޔަފާރިވެރިން ބްލެކްމެއިލް ކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް މީކާއީލް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަން ނުކުރެވޭނެ ކަން ފާހަގަކުރައްވާ މިކާއީލް ވިދާޅުވީ، މިއަށް ވުރެއް ހެއްވާ ބިލެއް މިހާތަނަށް މަޖިލީހަށް ހުށަހަޅާފައިނުވާ ކަމަށެވެ.
މި ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން މީކާއީލް ވަނީ، މިފަދަ ބްލެކްމެއިލްތައް ކުރުމުގެ ފުރުސަތު ނުދިނުމަށް ގޮވާލައްވާފައެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ދިވެހި ދައުލަތް "ފުނޑާނުލުމަށް" މީކާއީލް ވަނީ އެދިވަޑައިގެންފައެވެ.