ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާއި އިންވެސްޓްކުރުމަށް އޮތް މާހައުލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށްޓަކައި "ވާނުވާ އެނގޭ" ފަދަ އުސޫލުތަކަކާއި ގަވާއިދުތަކެއް އޮންނަންޖެހޭ ކަމަށެވެ. ނަމަވެސް، މިހާރު ރާއްޖޭގެ އިގްތިސާދީ މާހައުލުން ފެންނަނީ އެފަދަ ހަމަޖެހުމެއް ނެތް ތަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން އެންމެ ފަހުން ނިންމާފައިވާ ނިންމުންތަކަކީ ހަމައެއް ނެތް، ދޯދިޔާ ސިޔާސަތުތަކެއްގެ ނަތީޖާ ކަމަށް ސިފަކުރައްވަމުން ޝާހިދު ވަނީ، ސިޔާސަތު އެކުލަވާލުމުގައި އެކަންކަމާ ގުޅުންހުރި ފަރާތްތަކާ އެކަށީގެންވާ މަޝްވަރާ ނުކުރާކަން ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން، ކުއްލި ގޮތަކަށް ބޭރު ފައިސާގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކުރި ގަވާއިދާއި، އެއާޕޯޓް ޓެކްސްއާއި ގްރީން ޓެކްސް ކުއްލިއަކަށް ބޮޑުކުރުމުގެ އިތުރުން، އެކަށީގެންވާ ރައްކާތެރިކަމުގެ ނިޒާމެއް ނެތި ސަބްސިޑީތައް އުވާލަން ރާވަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، ގައުމުގެ ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް ދެ ހަފުތާއަށްވުރެ ކުރު މުއްދަތެއްގެ އިމްޕޯޓަށް ފުދޭ މިންވަރަށް ދަށްވެގެން ގޮސްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އިންވެސްޓަރުން ކުރިން އެއްބަސްވެފައިނުވާ ފަދަ އުނދަގޫ ޝަރުތުތަކެއްގެ ދަށުން މަސައްކަތްކުރަން މަޖުބޫރުވެފައިވާ ކަމަށާއި، މިފަދަ އިގްތިސާދީ ހަމަޖެހުމެއް ނެތް މާހައުލެއްގައި އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަކީ މުސްތަހީލު ކަމެއް ކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ވަގުތީ ގޮތުން ނެރޭ ސިޔާސަތުތަކުގެ ބަދަލުގައި، އެންމެންގެ މަޝްވަރާއާއެކު އެކުލަވާލެވޭ ހަރުދަނާ ސިޔާސަތުތަކެއް ގާއިމުކުރަންޖެހޭ ކަމަށާއި، މި ހުރިހާ ކަމެއްގައި މި ސަރުކާރު ފެއިލްވެފައިވާ ކަމަށް ވިދާޅުވެ ޝާހިދު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.