ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަމާ ގުޅޭ ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ މައްސަލަތަކާއި ބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ)ގެ (1)ވަނަ ނަންބަރާއި، 93 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން، "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ކޮންވެންޝަން އޮން ދަ ރައިތްސް އޮފް ޕާސަން ވިތް ޑިސްއެބިލިޓީސް" ގައި ރާއްޖެއިން ބައިވެރިވެ، އެ ޕްރޮޓޮކޯލްގެ ޑިޕޮސިޓަރީއަށް އިންސްޓްރުމަންޓް އޮފް އެކްސެޝަން ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މި މައްސަލަ މަޖިލީހުގެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީން ދިރާސާ ކުރަން ނިންމާފައިވާއިރު، ވަޒީރުންގެ މަޖިލީހުން ވަނީ، 20 ސެޕްޓެމްބަރު ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައި "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ" ގައި ބައިވެރިވުމަށް ނިންމާފައެވެ.
މިކަމަކީ ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅުއްވުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ.
"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ" އަކީ 5 އެޕްރީލު 2010ގައި ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް މުއާހަދާއިން ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކޮށްދޭ ހައްގުތަކާ ގުޅޭ ކަންކަން، އިތުރަށް ހަރުދަނާކޮށް، އެ މުއާހަދާ ފުރިހަމައަށް ތަންފީޒުކުރުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި މެންބަރު ގައުމުތައް ޒިންމާދާރުކުރެވޭނެ ނިޒާމެއް އެކަށައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ޕްރޮޓޮކޯލެކެވެ.
މި ޕްރޮޓޮކޯލަކީ މި މުއާހަދާ ތަސްދީގުކޮށްފައިވާ ގައުމުތަކުން އެބައެއްގެ އަމިއްލަ އިޙުތިޔާރުގައި ބައިވެރިވާ ޕްރޮޓޮކޯލެކެވެ. ދިވެހިރާއްޖެއިން 5 އެޕްރީލު 2010ގައި މި މުއާހަދާ ތަސްދީގުކުރިނަމަވެސް، ރާއްޖެއިން އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވެފައެއް ނުވެއެވެ. އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ އެކި ނިޒާމުތަކުގެ ދަށުން ދިވެހިރާއްޖެ ރިވިއު ކުރުމުގެ ތެރޭގައި، މި އޮޕްޝަނަލް ޕްރޮޓޮކޯލް ވީ އެންމެ އަވަހަކަށް ތަސްދީގުކުރުމަށް މީގެ ކުރިން ވަނީ ގިނަ ރިކޮމެންޑޭޝަންތަކެއް ލިބިފައެވެ.
އޮޕްޝަނަލް ޕްރޮޓޮކޯލްގައި، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް މުޢާހަދާ ތަންފީޒުކުރުން ހަރުދަނާކުރުމަށް މުހިންމު 2 ނިޒާމެއް ކަނޑައަޅާފައިވެއެވެ.
މި ޕްރޮޓޮކޯލްގެ ފުރަތަމަ ނިޒާމަކީ ވަކިވަކި ފަރުދުން ނުވަތަ ބައެއްގެ ހައްގެއް ގެއްލިއްޖެ ނުވަތަ ނިގުޅައިގަނެވިއްޖެ ހާލަތެއްގައި، އެގައުމަކުން ދާހިލީގޮތުން ލިބިދޭ ފަރުވާތަކުގެ އިޖުރާއަތުތަކާއި ގާނޫނީ މަރުހަލާތައް ފުރިހަމަކޮށް ނިމިފައިވާނަމަ، އެކަމާގުޅޭ ޝަކުވާ (އިންޑިވިޖުއަލް ކޮމިއުނިކޭޝަންސް) އދ. ގެ ކޮމިޓީއަށް ހުށަހެޅުމާގުޅޭ ނިޒާމެކެވެ. މި ޕްރޮޓޮކޯލްގެ ދެވަނަ ނިޒާމަކީ އިންކުއަރީ ނިޒާމެކެވެ.
މި ނިޒާމުގެ ދަށުން، މެންބަރު ގައުމެއް މި މުޢާހަދާގައި ބަޔާންކުރާ ހައްގަކަށް ނިޒާމީ ސިފައެއްގައި އަދި ބޮޑު މިންވަރަކަށް އަރައިގެންފައިވާ ކަމަށް އިތުބާރުހުރި ގޮތެއްގައި ތުހުމަތު ކުރެވިއްޖެނަމަ، އެ ތުހުމަތަކާ ގުޅިގެން އިންކުއަރީއެއް ހިންގުމުގެ ބާރު އދ. ގެ ކޮމިޓީއަށް ލިބިދެއެވެ.