ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މައްސަލައަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޓާސްކް ފޯސް ބައިވެރިވެގެން އަންގާރަ ދުވަހު ކުރިއަށްގެންދިޔަ ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން ބުނީ މިއީ ހުއްދަނެތި ބޭންކިންގ ހިދުމަތް ދިނުމާއި، ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަންގައި 4 ބިދޭސީއަކާއި ދިވެއްސެއްގެ އިތުރުން، ފިހާރައެއް އަދި ބިދޭސީއަކު ދިރިއުޅޭ ތަނެއް ވަނީ ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންދާއިރު މިއީ ބޭރުފައިސާއާ ބެހޭ ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން ފުލުހުން އަޅަމުން އަންނަ ޚާއްސަ ފިޔަވަޅުތަކެކެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ޤާނޫނާ ޚިލާފަށް ވިޔަފާރި އުޞޫލުން ބޭރު ފައިސާ މާރުކުރުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ޓާސްކްފޯސްއެއް އެކުލަވައިލައި އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ފުލުހުންގެ ޚިދުމަތުން ވަނީ ގާއިމުކޮށްފައެވެ.

ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި، އިޝްތިހާރު ކުރުމަކީ މިހާރު ކުށެކެވެ. އަދި ބޭރު ފައިސާގެ މުއާލަމާތް ކުރެވޭނީ އެމްއެމްއޭއިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އެކަނި ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.