ބޭރުގެ ކުންފުނިތަކަކަށް އޮޅުވާލައި ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޮޑެތި އަދަދުތަކުން މުދާ ހޯދި މައްސަލާގައި ދައުލަތުން ކުރި އެކި ދައުވާތައް ސާބިތުވެ، 109 އަހަރަށް ޖަލަށްލާފައިވާ ހުސައިން ޝިފާއު، ގޭބަންދަށް ބަދަލުކޮށްފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާއު ގެއަށް ދޫކޮށްލީތޯ އާއި ސަބަބަކީ ކޮބައިތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ޖަލުތަކާ ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ޖަލުގައި ހުރެގެން ފަރުވާ ދެވެންނެތް ޙާލަތްތަކުގައި މީހުން ވަގުތީގޮތުން ގެއަށް ބަދަލުކުރެވޭނެ ކަމަށެވެ. އެގޮތުން ޝިފާއު ފުރަތަމަ އެއް މަސްދުވަހަށް ގެއަށް ބަދަލުކޮށްފައި ވަނީ މެޑިކަލް ކޮންޑިޝަނަށް ބެލުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިތުރު މުއްދަތެއް ދޭނީ އެ މުއްދަތުގެ ތެރޭގައި ޙާލަތު ރަނގަޅުނުވާ ނަމަ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އިހްސާން ވަނީ ޝިފާއު ގޭބަންދަށް ބަދަލުކުރީ ކަނޑައެޅިފައިވާ ޝަރުތުތަކަކާ އެކުގައި ކަމަށާއި، އެ ޝަރުތުތަކާ ޚިލާފުވާ ނަމަ ވަގުތުން ޖަލަށް އަނބުރާ ގެންދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ސައްހަ ނޫން ޓީޓީތަކެއް އެކި ފަރާތްތަކަށް ފޮނުވައިގެން 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި ޝިފާއު 2023 ވަނަ އަހަރު ހައްޔަރުކޮށް، އޭނާގެ މައްޗަށް 23 ދައުވާއެއް އުފުލިއެވެ. އޭގެ ތެރޭގައި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ނުވަ ދައުވާއަކާއި، މަކަރާއި ހީލަތް ހެދުމުގެ ހަތް ދައުވާއަކާއި، މަނީ ލޯންޑްރިންގެ ހަތް ދައުވާ ހިމެނެއެވެ.
އެ ދައުވާތައް ސާބިތުވެ 109 އަހަރަށް ޖަލަށް ލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިިދޔަ އަހަރު ޑިސެމްބަރު މަހުއެވެ.