ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި ޖެހިގެން ރިޕޯޓްކުރި މިންވަރު ދަށަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 2 ކޭސް ފެނިފައިވެއެވެ. އެއާއެކު ރާއްޖެއިން ހިމަބިހި ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ވަނީ 286 އަށް އަރާފައެވެ.

ހިމަބިހި ފެތުރެން ފެށުމާއެކު އެޗްޕީއޭ އިން ވަނީ، ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާކަން ކަށަވަރުނުވާ ފަރާތްތައް ހިމެނޭހެން ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައެވެ. އެގޮތުން މިހާތަނަށް 16،503 ފަރާތަކަށް ވަނީ ވެކްސިން ދީފައެވެ.

އެޗްޕީއޭ އިން ވަނީ ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިފައެވެ. މިގޮތުން ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި، ހުން އައިސް ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

މީގެ އިތުރުން މިފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނައިރު، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުމަށްވެސް އެޗްޕީއޭ އިން އެދިފައިވެއެވެ.

ރާއްޖެއިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ފަހުންވެސް ދޭތެރެ ދޭތެރެއިން އެ ބަލީގެ ކޭސްތައް ދަނީ ފެންނަމުންނެވެ.