އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ޤަތުލުއާންމަށް މިއަދު 3 އަހަރުވީއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސްއިން ކުއްލި ގޮތަކަށް އިސްރާއީލަށް ދިން ހަމަލާގެ ބަދަލު ހިފުމަށް އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ޤަތުލުއާންމަށް 3 އަހަރުވީ އެވެ. ޤަތުލުއާންމަށް 3 އަހަރުވީއިރު 365 ކިލޯމީޓަރުގެ ޣައްޒާގެ 82 އިންސައްތަ ވަނީ އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި އެއްކޮށްހެން ހަލާކުވެފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އިސްރާއީލާ ހަމާސް އާ ދެމެދު އެއްބަސްވުމަކަށް އައިނަމަވެސް އޭގެފަހުންވެސް އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓުމަކަށް ނާދެއެވެ. ނަތީޖާއަކީ ޣައްޒާގެ ހާލަތު ދުވަހުން ދުވަހަކަށް ގޯސްވަމުންދިޔުމެވެ.

ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: ޣައްޒާގެ ހާލަތު އަދަދުތަކުން
ޣައްޒާ ޤަތުލުއާންމަށް 3 އަހަރު: ޣައްޒާގެ ހާލަތު އަދަދުތަކުން

ނިމިގެންދިޔަ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހު ޣައްޒާގެ މިހާރުގެ ހާލަތު އަންގައިދޭ ސެޓެލައިޓް ފޮޓޯތައް ވަނީ ގޫގުލް މެޕުން އަޕްޑޭޓްކޮށްފައެވެ. އެފޮޓޯތަކަށް ބަލާލުމުން ތިން އަހަރު ތެރޭގައި ޣައްޒާ ހަލާކުވެގޮސްފައިވާ މިންވަރު އެނގިގެންދެއެވެ. އެތައް ހާސް އިމާރާތެއް ބިމާ ހަމަވެފައިވާއިރު މައި މަގުތައްވެސް އެއީ ކޮން މަގެއްކަން އެނގޭވަރަށްވުރެ ބޮޑަށް ވަނީ ހަލާކުވެފައެވެ. އެހެންގޮތަކަށް ބުނާނަމަ އެންމެ ފަހުގެ ފޮޓޯތައް ބަލައިގެން އެއީ ޣައްޒާގެ ކޮން ސަރަހައްދުތަކެއްކަން ބުނެދެން އެނގޭ މީހެއް ހަމަ ވަރަށް މަދުވާނެއެވެ. އެހާވެސް ބޮޑަށް އިސްރާއީލުން ވަނީ ޣައްޒާ ސުންނާފަތިކޮށް ބިމާ ހަމަކޮށްފައެވެ. ޣައްޒާގައި ހުރި އިމާރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް ދެ ލައްކަ އިމާރާތް ވަނީ ހަލާކުވެފައެވެ. އޭގެތެރެއިން ތިންބައިކުޅަ ދެ ބައި އިމާރާތް ވަނީ އެއްކޮށް ހަލާކުވެފައިކަމަށް އދ ގެ ފަލަސްތީނުގެ ރެފިޔުޖީންނާ ބެހޭ ޖަމިއްޔާ ޔޫއެންއާރުޑަބްލިޔުއޭ އިން ބުނެއެވެ.

ޣައްޒާގެ އާބާދީގެ 2.3 މިލިއަން މީހުން ޤަތުލުއާންމެއްގެ ތެރޭގައި 1096 ވަނަ ދުވަސް މިއަދަށް ހޭދަކުރަމުންދާއިރު ޣައްޒާގެ ހާލަތު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ހުރިހާ ގޮތަކުންވެސް ގޯސްވަމުންނެވެ. އިންތިހާ ދަރަޖައިގެ ބަނޑުހައިހޫނުކަން ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ތަހައްމަލުކުރަމުންދާއިރު 400،000 މީހުން ދިރިއުޅެނީ ދުވާލަކު އެއް އިރު ކައިގެންނެވެ. އެންމެ އަސާސީ ބޭހުގެ 62 އިންސައްތަ ވަނީ ސްޓޮކުން ހުސްވެފައެވެ. ޣައްޒާގެ އާންމު ގޮތެއްގައި މީހެއްގެ އެވްރެޖް އުމުރު 77 އަހަރުން ޤަތުލުއާންމާއެކު ވަނީ 40ށް ތިރިވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 74،022ށް އަރާކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެމާނައަކީ ޣައްޒާގެ ކޮންމެ 31 މީހަކުން އެކަކު ވަނީ ޝަހީދުވެފައެވެ. މި ތިން އަހަރުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި އެކިވަރުގެ އަނިޔާތައް ލިބިގެން 175،098 މީހެއް ވަނީ ރިކޯޑްކޮށްފައެވެ. އެއީ ޣައްޒާގެ ކޮންމެ 13 މީހަކުން އެކަކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރ 10 ވަނަ ދުވަހު ސުލްހަވުމަށް އެއްބަސްވުމަށްފަހު އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގެ 1421 މީހުން ޝަހީދުވެފައިވާއިރު 4،983 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާލިބިފައެވެ.

ޝަހީދުވި މީހުންގެ ތެރޭގައި 21،500 އަކީ ކުޑަކުދިންނެވެ. އޭގެތެރޭގައި 1022 ތުއްތުކުދިން ހިމެނެއެވެ. 9،500ށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު ބޮޑަށް ބެލެވެނީ އެމީހުން ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައިކަމަށެވެ.

އަންދާޒާކުރެވޭ ގޮތުގައި ފާއިތުވި ތިން އަހަރު އިސްރާއީލުން ވަނީ ޣައްޒާއަށް 223،000 ޓަނުގެ ގޮވާތަކެތި ވައްޓާލާފައެވެ. އެއީ 1945 ވަނަ އަހަރު އެމެރިކާއިން ޖަޕާނުގެ ހީރޯޝިމާއަށް ވައްޓާލި އެޓޮމިކް ބޮމަށްވުރެ 16 ގުނަ އިތުރު އަދަދެކެވެ. ޣައްޒާ ސުންނާފަތިކޮށްލުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއަކީ ހަލާކުވެފައިވާ އިމާރާތްތަކުން އުފެދިފައިވާ ކުނި 68 މިލިއަން ޓަނަށް އެރުމެވެ. އޭގެތެރެއިން މިހާތަނަށް ސާފުކުރެވިފައިވާ ކުނީގެ އަދަދު 0.5 އިންސައްތައަށްވެސް ނާރާއެވެ. އދން އަންދާޒާކުރާ ގޮތުގައި ޣައްޒާގެ ހަލާކުވެފައިވާ އިމާރާތްތަކުގެ އެކި ބައިތައް ސާފުކުރުމަށް އެކަނިވެސް 140 އަހަރު ނަގާނެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެންމެ ބޮޑަށް އަމާޒުކުރާ އެއް ތަނަކީ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނެވެ. ސިއްހީ ޚިދުމަތްދޭ ތަންތަނަށް ހަމަލާދިނުމަކީ ބައިނަލްއަގްވާމީ ހުރިހާ ގާނޫނުތަކާއި މުއާހަދާތަކާއި އިންސާނިއްޔަތަށް ބެލިނަމަވެސް މަނާ އަދި ގަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް އިސްރާއީލުން ދިން ހަމަލާތަކުގައި މިވަނީ ޣައްޒާގައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ 94 އިންސައްތަ ހަލާކުކޮށްލާފައެވެ. އދ ގެ ކޯރޑިނޭޝަން އޮފް ހިޔުމަނިޓޭރިއަން އެފެއަރސް އިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގައި ހުރި ސިއްހީ ހިދުމަތްދޭ 666 ތަނުގެ ތެެރެއިން މިހާރު ބަރާބަރަށް ހިދުމަތްދެމުން އަންނަނީ 42 ތަނަކުންނެވެ.

ކުރިންވެސް ފާހަގަކުރި ގޮތަށް އިސްރާއީލުން ވަނީ ޣައްޒާ މުޅިންހެން ސުންނާފަތިކޮށްލާފައެވެ. އޭގެނަތީޖާއަކީ ޣައްޒާގެ އާބާދީގެ 1.98 މިލިއަން މީހުންގެ ގެދޮރު ނެތިގެންދެއެވެ. އެއީ އާބާދީގެ 90 އިންސައްތައެވެ. އަނެއްކޮޅުން ޣައްޒާގެ ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކަށް އަމާޒުކޮށްވެސް އިސްރާއީލުން ވަނީ އެތައް ހަމަލާތަކެއް ދީފައެވެ. އޭގެނަތީޖާއަކީ ޣައްޒާގެ 93 އިންސައްތަ ސްކޫލަކީ މިހާރު އަލުން މަރާމާތުކުރަންޖެހިފައިވާ ތަންތަނަށްވުމެވެ. އެންމެ މަދުވެގެންވެސް 63 ޔުނިވަސިޓީ ވަނީ ހަލާކުކޮށްލާފައެވެ.

ޣައްޒާއަށް ސުލްހަގެނައުމަށް ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާފައިވީނަމަވެސް އަދި އެއްބަސްވުމުގެ ދަށުން ވަކި ކަންތައްތަކެއް ކުރުމަށް ކަނޑައަޅާފައިވީނަމަވެސް މިހާތަނަށް އައިއިރުވެސް އިސްރާއީލުން އެކަމަށް އަމަލުކޮށްފައެއްނުވެއެވެ. 2025 އޮކްޓޯބަރ 10 ވަނަ ދުވަހު އިސްރާއީލާ ހަމާސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރިނަމަވެސް މިހާތަނަށްވެސް 365 ދުވަހުގެ ތެރެއިން 325 ދުވަހު އިސްރާއީލުން ވަނީ ޣައްޒާއަށް ހަމަލާދީފައެވެ.

ޣައްޒާގެ ހާލަތު ރަނގަޅުކުރުމަށް ޕްލޭންތަކެއް ހެދިފައިހުރިނަމަވެސް އެކަންކަމަށް އިސްރާއީލުން އަމަލުކުރާތަނެއް އަދި އެކަމަށް އަމަލުކުރުމަށް އިސްރާއީލަށް ބާރު އަޅާތަނެއް ފެނިގެންނެއްނުދެއެވެ. ފެންނަމުންދަނީ އިސްރާއީލުން ޣައްޒާގައި އަދިވެސް ޤަތުލުއާންމު ކުރިޔަށްގެންދާތަނެވެ. ޣައްޒާގެ ރައްޔިތުން ޒަރޫރީކަންކަމުން މަހުރޫމްކޮށް ޣައްޒާގެ ބޮޑު އިންސައްތައެއް އިސްރާއީލުގެ އަތްދަށަށް ލަމުންދާތަނެވެ. މިހުރިހާ ކަމެއް ހިނގާއިރުވެސް އަދިވެސް ދުނިޔެ އޮތީ ބަލާށެވެ. އިސްރާއީލު ހުއްޓުވޭނެ ގޮތެއް ދުނިޔެއަށް ނޭންގޭފަދައެވެ. ނޫނީ އިސްރާއީލު ހުއްޓުވަން ބޭނުންނުވަނީއެވެ.