ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލާފައި ހުއްޓާ، ޕެރޯލްގެ ދަށުން ބަންދުން ދޫކޮށް މިނިވަން ކުރި އަބްދުﷲ އިބްރާހީމް (އަބުޗާ) ދޫކޮށްލި މައްސަލައިގައި ޕެރޯލް ބޯޑުގެ 6 މެންބަރުން މަޤާމުން ވަކިކޮށް، އޭނާ އަނބުރާ ޖަލަށް ގެންދަން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، އަބުޗާ ވަކި ޝަރުތުތަކަކާ އެކު މުޖުތަމައަށް ދޫކޮށްލަން ޕެރޯލް ބޯޑުން ނިންމާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އެކަމުގެ މައުލޫމާތު އެ ވުޒާރާއަށް ލިބުމާ ގުޅިގެން، އެ ނިންމުން ނިންމި ގޮތް ބަލާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލާފައި ވަނީ ޕެރޯލަށް ޝަރުތު ފުރިހަމަވާ މުއްދަތު ގުނުމުގައި ދިމާވި މައްސަލަތަކަކާ ގުޅިގެން ކަމަށެވެ. އަދި ޕެރޯލް ބޯޑުގެ ނިންމުމާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތެރެއިން ކުރި އިދާރީ މަސައްކަތްތަކާއި، މިކަމުގައި ގަސްތުގައި އެއްވެސް ގޯހެއް ހަދާފައިވޭތޯ ޔަގީންކުރުމަށްޓަކައި ޚާއްސަ ތަހުޤީޤެއް ހިންގަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަބުޗާ ޖަލުގައި ހޭދަކުރި މުއްދަތަށް ބަލާއިރު، ޕެރޯލަށް އެދުމުގެ ޝަރުތު ހަމަނުވާ ކަމަށާއި، އޭނާއަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކަށް ވާތީ، ގާނޫނީ ގޮތުން ވެސް އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބިގެން ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކަނޑުމަގުން އައްޑޫއަށް 80 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިތުރު ބަޔަކާ އެކު އަބުޗާ ހައްޔަރުކުރީ 4 އޮކްޓޯބަރު 2020ގަ އެވެ. ފުލުހުން އޭރު ތުހުމަތުކުރި ގޮތުގައި އަބުޗާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެއް ނެޓްވޯކްގެ އެންމެ އިސް ފަރާތެވެ.

އޭނާގެ މައްޗަށް ދައުލަތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އުފުލީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެ ދައުވާތަކަށް އޭނާ ވަނީ އިއުތިރާފުވެ، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މައްސަލައިގައި ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނީ، މިދިޔަ އަހަރުގެ މެއި މަހު އެވެ.