ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ވެރިން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތިކަމަށް ގެނެވިފައިވާ ހައްލުތަކާއެކު، މަޑުޖެހިފައި ހުރި ގިނަ މަޝްރޫޢުތަކެއް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ރައީސް ވަނީ ވަޒީރުންގެ މަޖިލީހަށް އިރުޝާދުދެއްވާފައެވެ.

އޭގެ އިތުރުން، ވަކިވަކި މަޝްރޫޢުތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުމަށް އިތުރު ހިތްވަރަކާއެކު ގުޅިގެން މަސައްކަތްކުރެއްވުމަށްވެސް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.