ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު އެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން މި ބިލް ސަރުކާރުގެ ފަރާތުން ހުށަހަޅާ މައިގަނޑު ބޭނުމަކީ ޖިނާއީ މައްސަލަ ތަކުގައި ހެކި ހާމަކުރުމާއި ގުޅޭ އުސޫލުތައް މުރާޖާ ކުރުމާއި ކުށް ކޮށްގެން ހޯދާ މުދަލާއި ގުޅޭ ބިލާއި ގުޅިގެން ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށް މެންބަރު ވިދާޅުވިއެވެ.

މި ބިލް ހުށަހެޅުމުގެ މަޤްސަދަކީ ދައުލަތުންނާއި ދައުވާލިބޭ ފަރާތުން ހާމަކުރަން ޖެހޭ މައުލޫމާތުގެ ދާއިރާތައް އިތުރަށް ސާފުކޮށް ތަހުގީގީ އަދި ގާނޫނީ މައްސައްކަތުގެ ސިއްރު ހިފެހެއްޓޭނެ ގޮތްތައް ކަނޑައެޅުމެވެ. މީގެ އިތުރުން ދައުލަތުންނާއި ދައުވާލިބޭ ފަރާތުން ރައްކާތެރި ކުރުމުގެ އަމުރަކަށް ކޯޓައް އެދެވޭނެ ހާލަތްތައް އިތުރަށް ބަޔާންކޮށް އިންސާފު ގާއިމްކުރުމަށް ހުރަސް އެޅިދާނެ ނުވަތަ ގެއްލުމެއް ލިބިދާނެ ހެކިތައް ހާމަކުރުމުން ރައްކާތެރި ކުރުމުގެ އިހްތިޔާރު ކޯޓަށް ލިބެއެވެ.

މީގެ އިތުރުން ދައުލަތުން ދައުއާލިބޭ ފަރާތައް ހާމަކުރާ މައުލޫމާތު ނުވަތަ ހެކި ބޭނުން ކުރެވޭ ގޮތަށް އެ މައުލޫމާތު އެހެން ފަރާތަކަށް ހިއްސާ ނުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައެޅުން މި ބިލްގައި ހިމެނެއެވެ.

މި ބިލް މުހިންމު ވާ މައިގަނޑު ސަބަބަކީ ޤާނޫނުގެ 130 ވަނަ މާއްދާއަަށް ގެނެވޭނެ އިސްލާހުތަކުގެ ސަބަބުން ދައުލަތުން ތަހުގީގުތަކާއި ދައުވާތަކާއި ގުޅޭ ގޮތުން ތައްޔާރު ކުރާ އެތެރޭގެ ލިޔެކިޔުންތަކާއި ސިއްރު އޮޕަރޭޝަން ތަކުގެ މައުލޫމާތު ނުވަތަ ސިއްރު ހެކިވެރިންނާއި ގުޅޭ މައުލޫމާތު ހާމަ ނުކުރުމުގެ އިހްތިޔާރު ދައުލަތަށް ލިބިގެންދާތީ ޖިނައީ މައްސަލަތައް ތަހުގީގުކޮށް ހައްލު ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ސަބަބަކީ ތަހުގީގީ އިދާރާތަކަށް މިފަދަ ސިއްރު މައުލޫމާތު ހިފަހައްޓަން ނުލިބިއްޖިނަމަ އެ އިދާރާތަކުގެ މަސައްކަތައް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ ކުއްވެރިން ހޯދާ އަދާލަތުގެ ކުރިމައްޗަށް ގެނައުމަށް ދަތިތަކެއް ކުރިމަތިވެގެން ދާނެތީ ކަމަށް މެންބަރު ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ހެކިވެރިންނަށް ރައްކާތެރިކަން ކަށަވަރުވެ ހެކި ނައްތާލުން ފަދަ ކަން ކަން މަދުވެގެން ދާނެ ކަމަށެވެ.