ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ޖޫރިމަނާކޮށް ޖަލު ހުކުމް އިއްވީ ނޫރީގެ / ގދ. ގައްދޫ، އަލީ ޝަޒީނު (37އ) ގެ މައްޗަށެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ 2026 އޮކްޓޫބަރު 4ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2021 އޮގަސްޓު 10ވަނަ ދުވަހު ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 ސެޕްޓެމްބަރު 1ވަނަ ދުވަހުއެވެ.
ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. މި ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.