ދިވެހިރާއްޖޭގައި ކަމެއް ތަންފިޒު ނުކުރެވިގެން އުޅެނީ ގާނޫނެއް ނެތިވެގެން ނޫން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، މީގެ ކުރިން 18 ، 19 އަދި ވިހި ވަނަ މަޖިލީހުގައި ވެސް މިފަދަ އެކި އެކި ގާނޫނުތަކާއި ބިލުތައް ފާސްކޮށްފައި އެބަހުރި ކަމަށެވެ.

" އެހެން ނަމަވެސް އިއްޒަތްތެރި ރައީސް، މި އުޅެނީ ތަންފީޒު ކުރާނޭ އެ ވިލް ސަރުކާރުގެ އިސްވެރިންގެ ގައިގަ ނެތީމަ "

މެމްބަރު މީކާއީލް އަހްމަދު ނަސީމް

މާލޭގެ މަގުތަކުގައި ދުވަހަކު މީހަކު ނުވަންނަ ފިހާރަތަކާއި، ކެފޭތަކާއި ރެސްޓޯރެންޓްތައް އެބަހުރިކަން ފާހަގަކުރައްވާ މީކާއިލް ވިދާޅުވީ، އެ ފަރާތް ތަކުން މީރާއަށް ޓެކްސް ދައްކަން ދާ އިރު ވިޔަފާރީގެ ޝީޓުގައި އޮންނަނީ ވިޔަފާރިތަކަށް ވަރަށް ފައިދާ ވާކަމަށް ކަމުގައެވެ.

" އަޅުގަނޑުމެން އެންމެނައް ވެސް ވަރަށް ސާފު މިވާގޮތް. އެހެން ނަމަވެސް އޭގެން މުދަލެއް ދައުލަތައް ނެގުނުތަނެއް މިހާތަނަކަށް އަދިއެއް ނާދޭ"

މެމްބަރު މީކާއީލް އަހްމަދު ނަސީމް

މީކާއިލް ވިދާޅުވީ، މިފަދަ ބިލެއް ހުށަހަޅާ އިރު އެ ގާނޫނެއް ވުޖޫދުވެ ތަންފީޒު ކުރަން ގާނޫނީ އޮނިގަނޑު ދިވެހި ރާއްޖޭގައި އެބައޮތްތޯ ބަލަން ޖެހޭ ކަމަށެވެ. އަދި އެކަންކަން ތަންފީޒުކުރަން ތިބި ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ ހާލަތަކީ ކޮބައިތޯ ވެސް ބަލަންޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

" މި ފަހަކަށް އައިސް އަޅުގަނޑު މެންނަށް ފެނޭ އެބަ ފަނޑިޔާރުގެއަށް އައްޔަން ކުރާ ބޭފުޅުންގެ ފެންވަރު ދައްވަމުން ދައްވަމުން ގޮސް އިއްޒައްތެރި ރައީސް މިހާރު މި ރައްޔިތުންގެ މަޖިލީހުގައި ލަދހު ކަމަކަށް ނުވޭ ދިވެހި ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ކެމްޕެއިންތަކުގައި ރިބަން އަނދެގެން، ކެމްޕެއިން ޓިޝާޓް ލައިގެން މަގުމަތީ ހޫރިފައިތިބި މީހުން ފަނޑީޔާރުގެއަށް ހައި ކޯޓަށް، ކްރިމިނަލް ކޯޓަށް އަދި މި ނޫން ވެސް ތަންތަނަށް އައްޔަނު ކުރާއިރު އިއްޒައްތެރި ރައީސް މީކީ އެއް ލަދު ކަމަކަށް ނުވޭ"

މެމްބަރު މީކާއީލް އަހްމަދު ނަސީމް

މީގެ އިތުރުން މީކާއިލް ވިދާޅުވީ، ފަނޑިޔާރުގެއިން ހުރިހާ ކަމެއް ވެސް ނިންމަމުން އަންނަނީ ސަރުކާރުން އަންގާ ގޮތަށް ކަމަށާއި އެއާ ހިލާފަށް އެއްވެސް ކަމެއް ނުކުރާކަމަށެވެ. އަދި މި ސަރުކާރުގައި ވެސް ބައެއް ގޭގެއަށް ފުލުހުން ރެއިޑު ޖަހައި ފަސްް ލައްކައިން ނުވަތަ މިލިއަނުން ފައިސާ އަތުލި ކަމަށް ފާހަގަ ކުރައްވައި މީކާއިލް ވަނީ، އެހެންނަމަވެސް މިހާރު އަލުން އަނބުރާ އެ ފައިސާތައް ވެސް ދީފައިވާ ކަމަށް ތުހުމަތުކުރެއްވާފައެވެ.