އއ. ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ، އެ ތަކެތި ހޯދާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހިމަންދޫ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

ފުލުހުން ބުނީ، ހިމަންދޫއަށް ދަތުރުކުރަމުންދާ ލޯންޗެއްގައި މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މަހުގެ 4 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި، އެ ލޯންޗުގައި ހުރި ފޮށިގަނޑެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 40 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.