ޤައުމެއް ޤައުމެއްގެ ގޮތުގައި ކުރިއެރުވުމަށް މަސައްކަތް ކުރަންވީ އެޤައުމަކަށް ލާބަޔާ މަންފާވާނެ ގޮތަށް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާ މެންބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ ކުށްކޮށްގެން ހޯދާ މުދަލާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އިބްރާހިމް ހުސައިން ވިދާޅުވީ، ޤައުމު ކުރިއަރައިގެން ނޫނީ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައި ނުދެވޭނެ ކަމަށެވެ.

މެންބަރު ވިދާޅުވީ، ކުށް ކޮށްގެން ހޯދާ މުއްސަނދިކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި ޤައުމެއް ގައުމެއް ގޮތުގައި ކުރިއަރައިގެން ދާނީ އެ ޤައުމެއްގެ ކޮރަޕްޝަން ނައްތާލެވިގެންކަން މިއަދުގެ ސަރުކާރާ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޤަބޫލުކުރައްވާކަން މަޖިލީހުން ފެނިގެންދާ ކަމަށެވެ.

ރައްޔިތުން ދާ އޮހޮރޮވައިގެން ހޯދާ ފައިސާ ވަކި ބަޔަކު ބޭނުން ކުރަންވުމުން ބާރުގެ ބޭނުންކޮށްގެން އެ ބޭނުން ކުރާ ގޮތަށް އޮންނަ އޮތުން ނިންމުމަކަށް ގެންނަން ޖެހޭ ކަމަށް މެންބަރު ވިދާޅުވިއެވެ. މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅާ ރާއްޖޭގައި ކޮރަޕްޝަން މުޅިން ނައްތާލެވޭނެ ނިޒާމަކަށް މި ޤައުމު ބައްޓަން ވެގެން ކުރިއަށްދާނެކަމަށާއި މީގެ ގިނަ ގުނަ މަންފާތައް ދިވެހި ރައްޔިތުންނަށް ކުރާނެ ކަމީ ދެބަސް ވެވޭނެ ކަމެއް ނޫން ކަމަށް މެންބަރު ވިދާޅުވިއެވެ.

އަޅުގަނޑުމެން ވިސްނާލަންޖެހޭ އެއް ކަމަކީ މި ޤައުމު ކުޑަޔަކަސް މި ޤައުމަކީ ވަރަށް ގިނަ ފައިސާ ލިބި ރައްޔިތުންގެ ތަނަވަސްކަން އަޅުގަނޑުމެންނަށް ހޯދޭނެ ޤައުމެއްކަން. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ ދިވެހި ރާއްޖޭގެ ކޮރަޕްޝަންއާއި ހެދި ނުހައްޤު މުއްސަދިކަން ހޯދާ ވަކި ބަޔަކު ނާޖާއިޒް ގޮތުގައި ބޭނުން ކޮށް ރާއްޖޭގެ ލޮބު ވެތި ރައްޔިތުންނަށް ލިބެންވީ މަންފާ ވަކި ބަޔަކަށް ބޭނުން ކުރެވިގެން ނުވަތަ ވަކި ބަޔަކަށް ބެހިގެން ދިޔަ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ.

ފުވައްމުލަކު ދެކުނު ދާއިރާ މެންބަރު އިބްރާހިމް ހުސައިން

އެމްއެމްޕީއާރުސީ މިސާލަކަށް ނަންގަވާ މެންބަރު ވިދާޅުވީ އެތައް ހާސް ރުފިޔާއެއް ވީނުވީ އެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. މިފަދަކަންތައްތަކާ މެދު ވިސްނަންޖެހޭ ކަމަށާއި ޤައުމެއް ޤައުމެއްގެ ގޮތުގައި ކުރިއަރައިގެންދާނީ އެ ޤައުމުގައި ކޮރަޕްޝަން ނައްތާލެވިގެން ކަމަށް މެންބަރު ވިދާޅުވިއެވެ.

ފައިސާއަށް ބަލާ ލާއިރު އަޅުގަނޑުމެން ފައިސާ ގެންގުޅުމުގެ ބަދަލުގައި ޑިޖިޓަލް ކަރަންސީއަށް އެބަޖެހޭ ބަދަލު ކުރަން. އޭރުން ހަމަ ޔަގީނުންވެސް އަޅުގަނޑުމެންނަށް މި ފައިސާއެއް ނުގެންގުޅެވޭނެ އެއް ނޫންތޯ. އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް ފެންނާނީ ނަންބަރެއް ނޫންތޯ. އެހެންވީމަ އަޅުގަނޑުމެން ބޮޑެތި ވަޒީފާ ތަކުގައި ތިބޭ ފަރާތްތަކުން ނާޖާއިޒް ގޮތުގައި މި ކުރިއަށް ގެންދާ ގެންދުން އަޅުގަނޑުމެން ނިމުމަކަށް ގެންނަންޖެހޭނެ

ފުވައްމުލަކު ދެކުނު ދާއިރާ މެންބަރު އިބްރާހިމް ހުސައިން

ހަގީގަތަކީ މި ދުނިޔޭގައި ތާއަބަދަށް ނުތިބެވޭނެކަމަށާއި ނިމުމެއް އަންނާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.