ޒުވާނުން ބާރުވެރިކުރުވައި، މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރު ތަރައްގީ ކުރުމުގެ މަގްސަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް" 56 ބައިވެރިންނާ އެކު ފަށައިފިއެވެ.
އެމްއެންޔޫ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ.
މިއީ ތައުލީމީ އަދި އަމަލީ ތަޖުރިބާގެ އިތުރުން ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ މާހައުލުގައި ހުނަރު ދަސްކޮށްދިނުމަށް އެކުލަވާލާފައިވާ ތިން މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން މިއަހަރުގެ ޕްރޮގްރާމްގެ ދަށުން 14 ދާއިރާއަކުން 56 ބައިވެރިން ހޮވާފައިވާ ކަމަށް ވެސް އެމްޓިސީސީން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލާފައިވާ 14 ދާއިރާއަކީ:
މެރިން މެކޭނިކް ޓްރެއިނީ، މެކޭނިކް ޓްރެއިނީ، ވެލްޑާ ޓްރެއިނީ، ޓިންކާ ޓްރެއިނީ، ފައިބާ ގްލާސް ޓެކްނީޝަން ޓްރެއިނީ، އޮޓޯ މޮބައިލް މެކޭނިކް ޓްރެއިނީ، އޮޓޯ މޮބައިލް އޭސީ މެކޭނިކް ޓްރެއިނީ، އޮޓޯ މޮބައިލް އިލެކްޓްރީޝަން ޓްރެއިނީ، އިލެކްޓްރީޝަން ޓްރެއިނީ، މެޝިނިސްޓް ޓްރެއިނީ، އޭސީ ޓެކްނީޝަން ޓްރެއިނީ، ބަސް ޑްރައިވަރު ޓްރެއިނީ، ޓެކްސީ ޑްރައިވަރު ޓްރެއިނީ، އަދި ޕްރޮޖެކްޓް އޮފިސަރު ޓްރެއިނީ އެވެ.
އެމްޓީސީސީން ބުނީ، މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 8،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން، ބައިވެރިންނަށް ބޭނުންވާ އަމަލީ ތަޖުރިބާގެ އިތުރުން ފަންނީ އަދި ޕްރޮފެޝަނަލް ހުނަރުތައް ދަސްކޮށްދީ މެންޓާޝިޕް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ކަސްޓަމާ ސާވިސް، ފަޔާ ސޭފްޓީ، ހޭލުންތެރިކުރުވުމުގެ ތަމްރީނުތަކާއި ކަމާ ގުޅޭ އޮޕަރޭޝަނަލް ހާއްސަ ތަމްރީންތައް މި މުއްދަތުގެ ތެރޭގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
އެމްޓިސީސީން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ މިފަދަ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދީ، ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ވަޒީފާގެ މައިދާނަށް ބާރުވެރިކަމާއެކު ނެރުން ކަމަށެވެ.