ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅާ ދެއްވައިފިއެވެ.
ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލް މަޖިލީހަށް ހުށަހަޅާ ދެއްވީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކޮށްފައިވާ ކަން ފާހަގަކޮށް ފަޒާދު ވިދާޅުވީ އެހެންކަމުން ދީނީ ގޮތުން ބަލާއިރުގައި ވެސް ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ ބިލެއް ނުވަތަ ޤާނޫނެއް ރާއްޖޭގައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ކުށް ކޮށްގެން ހޯދާ މުދަލުގެ ސަބަބުން މުޖުތަމައުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ގެއްލި ރައްޔިތުން މެދުގައި އޮންނަ އަދުލު އިންސާފު ގެއްލިގެންދާކަން މެންބަރު ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ގާނޫނީ އަދުލުގެ ނިޒާމުގެ ތާރީހަށް ނަޒަރު ހިންގާ ލާއިރު ފެންނަ އޮންނަ އެންމެ ބޮޑު ހަގީގަތަކީ ޒަމާނުން ސުރެ ގާނޫނު ބައްޓަން ކުރެވިފައި އޮތީ ހަމައެކަނި ކުށް ކުރާ މީހުންނަށް ޖިސްމާނީ އަދަބު ދިނުން ނުވަތަ ޖަލަށްލުން ނުވަތަ އަރުވާލުން ފަދަ ކަން ކަން ކަމަށް މެންބަރު ވިދާޅުވިއެވެ.
މިއީ ވަރަށް މުހިންމު ބިލެއް ކަމުގައި ދެކޭ ކަމަށް ވިދާޅުވެ މެންބަރު ވަނީ، މި ބިލުގައި ބަޔާން ކޮށްފައި ވާނީ ކުށް ސާބިތު ވުމުން ކުށްކޮށްގެން ހޯދާ މުދަލު ދައުލަތައް ނެގުމުގެ ގޮތާއި އިސްތިސްނާވާ ހާލަތުގައި ކުށް ސާބިތުވުމާއި ނުލައި ކުށް ކޮށްގެން ހޯދާ މުދަލު ދައުލަތަށް ނެގުމުގެ އުސޫލު ތައާރަފް ކޮށްފައިވާ ކަމަށެވެ.
ކުށްކޮށްގެން ހޯދާ މުދަލުގެ މުއާ މަލާތް ކުރަން ނުވަތަ ތަސައްރަފް ކުރުން ހުއްޓުވުމަށްޓަކައި އެ މުދާ ހިފެހެއްޓުމަށް އުސޫލުތައް ކަނޑައެޅިފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ. ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ ކުށްކޮށްގެން ހޯދާ މުދާ ބެލެހެއްޓުމާއި އެ މުދާ ތަސައްރަފް ކުރުމާއި ގުޅޭ އުސޫލުތައް މި ބިލުގައި ކަނޑައެޅިފައިވާ ކަމަށާއި ބޭރު ޤައުމުތައް މެދުވެރިކޮށް ކުށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުވެސް މި ބިލުގައި ކަނޑައެޅިފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
މި ބިލަކީ ޖުމްލަ 133 މާއްދާގެ މައްޗަށް އެކުލެވޭ އަދި 9 ބާބެއްގެ މައްޗަށް އެކުލެވޭ ވަރަށް ބޮޑު ބިލެއް ކަން މެންބަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މަޖިލީހުގެ ހުރިާ މެންބަރުން ވެސް ވަރަށް ރަނގަޅަށް ދިރާސާ ކުރެއްވުމަށް މެންބަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.