ފޮރިން ސަރވިސްގެ މުވައްޒަފުންގެ ކޮންމެ ގިންތިއަކުން އައްޔަނުކުރެވިފައިވާ ޖުމުލަ މުވައްޒަފުންގެ އަދަދަކީ ކޮބައިކަން ހޯދަން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއާ ސުވާލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ސުވާލު ހުށަހަޅުއްވައިފިއެވެ.
މެންބަރު މުހައްމަދު އިބްރާހިމް ވަނީ ފޮރިން މިނިސްޓަރު އިރުތިޝާމްއަށް ތިން ސުވާލެއް ހުށަހަޅުއްވާފައެވެ. އެގޮތުން އޭނާ ވަނީ ފޮރިން ސަރވިސްގެ ގާނޫނުގެ ދަށުން ޒިންމާއެއް އަދާކުރުމަށްޓަކައި އައްޔަނުކުރެވިފައިވާ މުވައްޒަފުންގެ ޖުމުލަ އަދަދާއި އެ މުވައްޒަފުން އައްޔަނުކުރެވިފައި ވަނީ ކޮން ޒިންމާއެއް އަދާކުރުމަށްޓަކައިތޯ ސާފުކުރުމަށް މިނިސްޓަރާ ސުވާލު ހުށަހަޅުއްވާފައެވެ.
ތިން ވަނަ ސުވާލެއްގެ ގޮތުގައި މެންބަރު މުހައްމަދު އިބްރާހީމް ވަނީ ފޮރިން މިިނިސްޓްރީގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ ބަދަލުގައި އެ ވުޒާރާއިން ބޭރުން މުވައްޒަފުން ޢައްޔަންކޮށްފައިވާ ސަބަބުތައް ސާފުކޮށްދިނުމަށްވެސް މިނިސްޓަރަށް ސުވާލު ހުށަހަޅުއްވާފައެވެ.
މީގެ އިތުރުން މެންބަރު މުހައްމަދު އިބްރާހީމް ވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާންއަށްވެސް އެއް ސުވާލު ހުށަހަޅުއްވާފައެވެ. މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި ސުވާލުގައި ވަނީ ރެސިޑެންޓް ވިސާ ނުވަތަ ޕާލް ރެސިޑެންޓް ވިސާ ފަދަ އެއްވެސް ބާވަތެއްގެ ރެސިޑެންސީ ވިސާއަކާ ގުޅޭ ސީދާ ނުވަތަ ނުސީދާ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެކްސްކްލޫސިވް އުޞޫލަކުން ހަވާލުކުރެވިފައިވޭތޯ ސުވާލު މިނިސްޓަރު އިހްސާން އާ ސުވާލުކުރައްވާފައެވެ.