ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑާއި ޕޭމަންޓް ގޭޓްވޭގެ ބައެއް ހިދުމަތްތައް މިރޭ ވަގުތީގޮތުން މެދުކަނޑާލާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
އެކްސްގައި ކުރިި ޕޯސްޓެއްގައި ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ހިދުމަތްތައް މެދުކެނޑޭނީ މިރޭ ދަންވަރު 1:30 އިން ފެށިގެން 2:30 އާ ދެމެދު ކަމަށެވެ. އަދި މި އެއް ގަޑިއިރުގެ ތެރެއިން ގާތްގަނޑަކަށް 30 މިނެޓަށް ބައެއް ހިދުމަތްތަކަށް ބުރޫއަރާނެ ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.
އެ ވަގުތުތަކުގައި މެދުކެނޑިދާނެ ހިދުމަތްތަކުގެ ތެރޭގައި ކާޑުގެ ހިދުމަތްތަކާއި، އެހެން ބޭންކުތަކުން ދޫކޮށްފައިވާ މާސްޓަރކާޑު ބޭނުންކޮށްގެން ހަދާ ޕޭމަންޓްތައް ވަގުތީ ގޮތުން ރިޖެކްޓްވުން އެކަށީގެންވާ ކަމަށާއި، ނަމަވެސް އެހެނިހެން ކާޑުތަކުން ކުރާ ޕޭމަންޓްތައް އާންމު އުސޫލުން ކުރިއަށްދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މީގެ އިތުރުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން އޮންލައިންކޮށް ހަދާ ޕޭމަންޓްތަކުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް އިން ބުނީ މި މަސައްކަތަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.