ފުޅާ ދާއިރާއެއްގައި އައްޑޫގައި ޑްރަގު ނެޓްވޯކެއް ހިންގި ކަމުގެ ކުށް ސާބިތުވެ، އުމުރު ދުވަހަށް ޖަލަށް ހުކުމްކޮށްފައިވާ އަބްދުﷲ އިބްރާހީމް (އަބުޗާ) މިނިވަންކޮށްފިއެވެ.

ކަނޑުމަގުން އައްޑޫއަށް 80 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އިތުރު ބަޔަކާ އެކު އަބްދުﷲ އިބްރާހީމް، 38، ފިނިފަރު/ސ. ހިތަދޫ ހައްޔަރުކުރީ 4 އޮކްޓޯބަރު 2020ގަ އެވެ. ފުލުހުން އޭރު ތުހުމަތުކުރި ގޮތުގައި އަބުޗާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެއް ނެޓްވޯކްގެ އެންމެ އިސް ފަރާތެވެ.

އޭނާގެ މައްޗަށް ދައުލަތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އުފުލީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެ ދައުވާތަކަށް އޭނާ ވަނީ އިއުތިރާފުވެ، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި މައްސަލައިގައި ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ހުކުމްކޮށްފައި ވަނީ، މިދިޔަ އަހަރުގެ މެއި މަހު އެވެ.

އެނގިފައިވާ ގޮތުގައި އަބްދުﷲ އިބްރާހީމް މިނިވަންކޮށްފައި ވަނީ، ޝަރުތުތަކަކާއެކު ޕްރޯލް ބޯޑުން އޭނާ ދޫކޮށްލުމަށް ނިންމުމާ ގުޅިގެންނެވެ. މިގޮތުން ޕްރޯލް ބޯޑުގެ ނިންމުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ ޖަލުން މިނިވަންކޮށްފައެވެ. ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލިކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވެސް ވަނީ "ވީ ނިއުސް" އަށް ކަށަވަރުކޮށްދީފައެވެ.