ތިލަފުށީގައި ހުންނަ ވެމްކޯގެ ފެސިލިޓީއަށް އުޅާނދުފަހަރުގައި ކުނި ގެންދާއިރު އުސޫލާ އެއްގޮތަށް ކުނި ވަކިކޮށްގެން ގެންދަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަކި މިންގަނޑަކާ އެއްގޮތަށް ކުނި ވަކިކޮށްގެން ގެންދަން އަންގާފައި އޮތް ނަމަވެސް ދޯނިފަހަރުގައި ގެންނަ ގިނަ ކުނި ވަކިނުކޮށް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި، މީގެ ސަބަބުން ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކަކާއި ކުރިމަތިވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. ތިލަފުށު ފެސިލިޓީއަށް ގެނެވޭ ކުނި ގިންތިކޮށްފައި ހުންނަންވާނީ ގަސްކުނި، ބަދިގެ ކުނި، ޕްލާސްޓިކް، ދަގަނޑު، ލަކުޑި، ބިއްލޫރި އަދި އެހެނިހެން ކުނި މި ބައިތަކަށް ކަމަށް ވެމްކޯ އިން ބުނެއެވެ. އަދި ކުނި ބަރުކުރުމުގައި ޖަމްބޯ ބޭގް ނުވަތަ ޚާއްސަ ކާގޯ ނެޓް ބޭނުން ކުރުމަށް ސަމާލުކަން ދިނުމަށްވެސް ވެމްކޯ އިން ވަނީ އެދިފައެވެ. ވެމްކޯ އިން ބުނީ އެކަމުގެ ސަބަބުން ކުނި އޮފް ލޯޑް ކުރުމުގައި ހޭދަވާ ވަގުތު ކުޑަވެ، ޚިދުމަތް ހޯދާ ފަރާތްތަަކަށާއި އެ ކޯޕަރޭޝަނަށް ބޮޑެތި ލުއި ފަސޭހަތަކެއް ވާނެ ކަމަށެވެ.
ވެމްކޯއިން ބުނީ މި އުސޫލާ ޚިލާފަށް ތިލަފުށި ސެންޓަރަށް ކުނި ގެންދާ ފަރާތްތަކަށް ޚިދުމަތް ނުދެވޭނެ ކަމަށެވެ. އަދި އެގޮތަށް ޢަމަލުނުކުރާ އުޅަނދުފަހަރު ފޮނުވާލުމަށްފަހު، ސަބަބު ބަޔާންކޮށް އުޅަނދުގެ މަޢުލޫމާތު ކަމާބެހޭ މުވައްސަސާތަކާ ހިއްސާކުރުމަށް ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި ބަދަލުތައް ގެނެސްފައިވަނީ ތިލަފުށީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ސަރަޙައްދީ ފެންވަރުގައި ކުނި ނައްތާލުމުގެ ޚިދުމަތްތައް ސަލާމަތީގޮތުންނާއި ތިމާވެށްޓާ ރައްޓެހި ގޮތަކަށް ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައެވެ. މިގޮތުން އެ މަސައްކަތުގައި ހުރިހާ އުޅަނދުފަހަރެއްގެ ވެރިންނާއި އާންމުންގެ އެއްބާރުލުން ބޭނުންވާކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.