ރަސްމާލޭގެ މަޝްރޫއުއަކީ ޔަހޫދީން ގެންނަން ސަރުކާރުން ހިންގާ މަޝްރޫއެއް ކަމަށް ވިދާޅުވެ، ޔަހޫދީންގެ ވާހަކަ ދައްކަން އެމްޑީޕީގެ މެންބަރުން ލަދު ގަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި ރެސިޑެންސީ ޕްރޮގްރާމެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް އާންމުކުރުމަށް ގޮވާލާ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް މަޖިލިހަށް ހުށަހަޅުއްވާ ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން މަމްދޫހު ވިދާޅުވީ، ވޭތުވެ ދިޔަ މާޒީގައި ވެސް ގައުމަށާއި ރައްޔިތުންނަށް ފައިދާހުރި ބޮޑު ތަރައްގީގެ މަޝްރޫއެއް ހިންގަން އުޅޭ ކޮންމެ ދަނޑިވަޅެއްގައި އެކަމަށް ހުރަސްއެޅުމަކީ އެމްޑީޕީގެ އާދައެއް ކަމަށާއި، އިދިކޮޅު އެމްޑީޕީން މިއަދު ވެސް ފެންނަނީ އެފަދަ ނާތަހުޒީބު އަމަލުތަކެއް ހިންގަމުންދާ މަންޒަރު ކަމަށެވެ.
އެގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފ. އަތޮޅުގައި ހިންގަން ރޭވި ބޮޑު މަޝްރޫއު އެމްޑީޕީން މުޒާހަރާކޮށްގެން ހުއްޓުވިކަން ފާހަގަކުރައްވައި މަމްދޫހު ވިދާޅުވީ، އެފަދަ މަޝްރޫއެއް މިއަދު ސައުދީ އަރަބިއްޔާގެ ރަތް ކަނޑު ސަރަހައްދުގައި ކާމިޔާބުކަމާއެކު އަންނަނީ ހިންގަމުން ކަމަށެވެ.
މީގެއިތުރުން މި ވެރިކަން ފެށިގެން އަހަރެއް ނުވަނީސް އެންމެ ގަދަޔަށް ދެކެވެމުން ދިޔައީ ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު ނެތް ވާހަކަ ކަން ފާހަގަކުރައްވައި މަމްދޫހު ވިދާޅުވީ، އެހެން ނަމަވެސް މިއީ ރާއްޖޭގެ ތާރީހުގައި މިފަދަ ފުރުސަތެއް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.
މަމްދޫހު ވިދާޅުވީ، މިއީ ދިވެހިން ތަހައްމަލުކުރަމުންދާ ޒަމާންވީ ބޯހިޔާވަހިކަމުގެ ތަކުލީފަށް ދާއިމީ ހައްލެއް ހޯދައިދޭނެ މަޝްރޫއެއް ކަމަށާއި، މި މަޝްރޫއުގެ ދަށުން ރައްޔިތުންނަށް ހާއްސަކޮށްގެން 5،000 ހައުސިންގ ޔުނިޓު އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އެންމެ އަސާސީ މިފަދަ ހައްގަކާ ގުޅިފައިވާ ކަމަކަށް އިދިކޮޅުން ހުރަސްއެޅުން އެއްވެސް ގޮތަކަށް ބަލައިނުގަނެވޭނެ ކަމަށް މަމްދޫހު ވިދާޅުވިއެވެ.
އީގަލް ހިލްސް ކުންފުންޏާ ގުޅުވައިގެން އިސްރާއީލުގެ ވާހަކަ ދައްކައިގެން އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މަމްދޫހު ވިދާޅުވީ، 2008 ވަނަ އަހަރު ވެރިކަމަށް އައިސް އިސްރާއީލުގެ ޑޮކްޓަރުން ގެނެސް، ތައުލީމީ ދާއިރާއިން ވެސް އެ ގައުމަށް ފުރުސަތުތައް ފަހިކޮށްދިނީ އެމްޑީޕީން ކަމަށެވެ.
މީގެ އިތުރުން 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެ އިސްރާއީލުގެ ޕާސްޕޯޓު މަނާކުރަން އެމްޑީޕީން ފަސްޖެހުނު ނަމަވެސް، މި ސަރުކާރާއި 20 ވަނަ މަޖިލީހުގެ ޕީއެންސީ މެޖޯރިޓީން އެކަން ތަންފީޒުކުރުމުގެ ހިތްވަރު ދައްކާފައިވާ ކަމަށް ވެސް މަމްދޫހު ވިދާޅުވިއެވެ.
އެހެންކަމުން މަމްދޫހު އިތުރަށް ވިދާޅުވީ، ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ރަސްމާލެ ތަރައްގީގެ ބިޔަ މަޝްރޫއާ ދެކޮޅަށް މަސައްކަތް ކުރާނީ ޣައްދާރުން ކަމަށާއި، އެމްޑީޕީން ކުރަމުން ގެންދަނީ އެ މަސަކަތް ކަމަށެވެ.