ވިއެޓްނާމަށް 1.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ ކަންހޯއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހުކުމް އިއްވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު ބޭއްވި ޝަރީޢަތުގެ މަޖިލީހުގަ އެވެ. އެ ހުކުމް އިއްވީ ދިވެހި ރައްޔިތެއްކަމަށްވާ މުޙައްމަދު އަނިލް 37 އ ގެ މައްޗަށެވެ.

އަނިލްގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އެ ޤައުމުން ޑީޕޯޓްކޮށްލުމަށްވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ މައްސަލައިގައި މަސްތުވާތަކެއްޗާ އެކު އަނިލް އަތުލައިގެންފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރީ ތައިލެންޑުގެ ބެންކޮކުން ފުރައިގެން ވިއެޓްނާމުގެ ކަންހޯއާ ޕްރޮވިންސްގެ ކޭމް ރާން އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް އިމިގްރޭޝަން މަރުހަލާތައް ފުރިހަމަކުރަމުން ދަނިކޮށް އޮފިޝަލުންނަށް އޭނާގެ ޗެކްއިން ބެގޭޖާއި އަތްދަބަހުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން ބަލައިފާސްކުރުމަށް ފަހުގައެވެ.

އެ ގައުމުގެ ކަސްޓަމްސް އާއި ކަމާބެހޭ އިދާރާތައް ގުޅިގެން އަނިލް ބަލައި ފާސްކުރިއިރު އޭނާގެ ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ޕެކެޓުތަކެއް ވަނީ ފެނިފައެވެ. ނަމަވެސް އަނިލް މަސްތުވާތަކެއްޗަށް ޓެސްޓުކުރުމުން އޭނާގެ ސާމްޕަލް ވަނީ ނެގެޓިވްވެފަ އެވެ.

މީގެ އިތުރުން އަނިލް ވަނީ އޭނާގެ ލަޖެގުން ފެނުނު މަސްތުވާތަކެއްޗަކީ އެހެން މީހަކު އަގު ދީފައި އުފުލާދޭން އެދުނު ތަކެތި ކަމަށް ބުނެފައެވެ.