މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފާތިމަތު އަމީޒާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެއްވީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުއެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ތިން ބޭފުޅުންނަކީ، ސ. ހުޅުދޫ ބަގީޗާގެ އަހުމަދު ޝަފްނީޒު، އާއި، ވ. މިޔަރެސް، އަހުމަދު މައުސޫމްގެ އިތުރުން ކ. ދިއްފުށި، ކަނޑުގަސްދޮށުގެ، މަރްޔަމް ޖައިދާއެވެ.

މި ބޭފުޅުންގެ ނަންތައް ދިރާސާކުރެއްވުމަށްޓަކައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުއްވާފައެވެ.