ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއެކު ކިޔަވައިދިނުމުގެ ވައްޓަފާޅި ތަރައްޤީވަމުންދާއިރު އެކަމަށް ހޭނުމަށް ޓީޗަރުންނަށް ތަމްރީނު ދިނުމަކީ މުހިންމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ 'އެކްސް' މެދުވެރިކުރައްވައި ޓީޗަރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
އެކަމަނާގެ މެސެޖުގައި، ޓެކްނޮލޮޖީ އާއި އޭއައިގެ ބޭނުން ހިފުން އިތުރުވެ، ކްލާސްރޫމްތަކުގެ ވެށި ބަދަލުވަމުންދާ މި ދަނޑިވަޅުގައި، ޓީޗަރުންނަށް އައު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާފައި ވެއެވެ. އެހެންކަމުން މި ބަދަލުތަކަށް އަހުލުވެރިވުމަށް ޓީޗަރުން ބާރުވެރިކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ސާޖިދާ ވަނީ ޓީޗަރުންގެ ކެތްތެރިކަމާއި، އަޅާލުމާއި، ދަރިންނަށް މަގު ދައްކައި ތަރުބިއްޔަތުކޮށް، ހަރުދަނާ އަދި އަޅާލާ މުޖުތަމައެއް ބިނާ ކުރުމުގައި ޓީޗަރުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.