މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޔޫސުފް މާނިއުއާ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު ބައްދަލުކުރައްވައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ގޮތުގައި، ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އަލިއަޅުއްވާލައްވާފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށެވެ.

މީގެއިތުރުން، އެންމެހައި ރައްޔިތުންނަށް މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ފަހިކޮށްދިނުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާއި ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަމީނީ މަގާއި، ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިގެން ކުރިއަށް ގެންދިއުމާ ގުޅިގެން އެ މަގުތައް ބަނދުކޮށްފައިވާތީ ވަރަށް ބޮޑަށް ކާރުބާރު ބޮޑުވެފައިވާކަން ފާހަގަވެއެވެ.