އީގަލް ހިލްސް މަޝްރޫއަށް އެންމެ ބޮޑަށް ތާއިދު ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އީގަލް ހިލްސްއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް އާންމުކުރުމަށް ގޮވާލައްވައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ފަލާހު ވަނީ، މިހާރު އެމްޑީޕީގައި ރައީސަކުވެސް އަދި ނައިބު ރައީސަކުވެސް ނެތްކަން ފާހަގަކުރައްވަފައެވެ. އަދި އެމްޑީޕީގެ ހުރިހާވެސް މީހަކީ އެ ޕާޓީގެ ޗެއާޕާސަން ނަޝީދު ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، އީގަލް ހިލްސްގެ މަޝްރޫއަށް އަށް މި ރާއްޖޭގެ ކުރީގެ ރައީސުންގެ ތެރެއިން، އެންމެ ބޮޑަށް ތާއީދު ކުރައްވާ ބޭފުޅަކީ ރައީސް ނަޝީދު ކަމަށެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތައްވެސް ދޫކޮށްފައިވަނީ 99 އަހަރަށް ކަމަށެވެ. އަދި އީގަލް ހިލްސްއާއެކު އޮތީ، ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ކަމަށާއި، ރަސްމީ އެގްރީމެންޓެއް ނޫން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.